މިސަރުކާރުން ހުޅުމާލޭގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެޕޯލޯ ފްލެޓްތައް ފިޔަވައި އެހެން ހުރިހާ ހައުސިން މަޝްރޫއެއް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ކަން ކުރެއްވި ޑރ.މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ، ހުޅުމާލޭގައި މި ސަރުކާރުން އިމާރާތް ކުރަމުންދާ ހައުސިން މަޝްރޫއުތަކުގެ ތަފްސީލްތައް ހިމެނޭ ވީޑިއޯ އެއް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ހިއްސާކުރެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގަ އެވެ.

އެކަމާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ އެ ކްލިޕުން ފެންނަ ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން އެޕޯލޯ ހޯލްޑިންގްސް ހައުސިން މަޝްރޫއު ފިޔަވައި ދެން ހުރީ މުޅިން ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ހަމަޖެހިފައި ހުރި ނުވަތަ ފައްޓާފައިވާ މަޝްރޫތައް ކަމަށެވެ. އަދި ކުރިއަށް ރާވާފައިވާ ހައުސިން މަޝްރޫއުތަކުގައި ވެސް ރައީސް ޔާމީންގެ ދައުރުގައި ހަމަޖެހިފައިހުރި މަޝްރޫތައް ގިނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ހިއްސާ ކުރެއްވި ވީޑިއޯގައި ވަނީ 2019 ވަނަ އަހަރުން ފެށިގެން 2022 އަށް މި ސަރުކާރުން ހުޅުމާލޭގައި ކުރިއަށް ގެންދަމުންދާ ހައުސިން މަޝްރޫއުތަކުގެ ތަފްސީލް ދައްކާލައިފަ އެވެ.

ވީޑިއޯގައި ބުނާ ގޮތުގައި މިހާރު މި ސަރުކާރުން ތަރައްގީ ކުރަމުން ދަނީ 7،531 ހައުސިން ޔުނިޓެވެ. އަދި ކުރިއަށް ރޭވިފައި 4،050 ޔުނިޓްގެ މަސައްކަތް އެބައޮތެވެ.

މި ސަރުކާރުގައި ހުޅުމާލޭގައި ޖުމްލަ 11،581 ހައުސިން ޔުނިޓެއް ގާއިމުކުރެވިގެންދާނެ ކަމަށް އެ ވީޑިއޯގައި ބުނެފައިވެ އެވެ.