ލާމަރުކަޒީ އުސޫލުން އުފާވެރި ދިރިއުޅުމެއް ރައްޔިތުނަށް އުޅެވޭނީ ރަށްރަށުގައި އިގުތިސޯދީ ހަރަކާތްތައް ހިންގައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފާއިތުވި 30 އަހަރު ދުވަހު ވެރިކަން ކުރި ފަރާތްތަކުން ނުކޮށްދީ ހުރި ކަންކަން މި ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރަމުންދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި ކަމަކީ 21 ވަނަ ގަރުނާ އެކަށޭނަ، މާލެއާ އެއް ފެންވަރެއްގެ އަސާސީ ހިދުމަތްތައް ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކަށްވީ މި ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ މާލެ ފިޔަވާ ހަތަރު އިގުތިސޯދީ ހަބު ގާއިމުކުރުން. އެގޮތުން އެންމެ އިސްކަމެއް އަޅުގަނޑުމެން ދިނީ އައްޑޫ އަށް. އެއީ ސަބަބެއް ނެތިއެއް ނޫން. އަޅުގަނޑުމެން ބެލިބެލުމުގާ އެންމެ އަވަހަށް އެއޮތް ހާތަލުން އެންމެ އަވަހަށް ތަރައްގީކުރެވެން އޮތީ އައްޑޫ،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން ގައުމުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި ނަގާ ދަރަންޏާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އުފައްދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގައިގެން ކުރަނީ ދަރީންގެ ދަރީންގެ މަސައްކަތް ކަމުގައި އެވެ. ރާއްޖެއަކީ އަމިއްލަ ތަނަވަސްކަން ހުރެގެން ބޮޑެތި މަޝްރޫއުތައް ހިންގޭފަދަ ގައުމަކަށް ނުވުމުން ލޯނު ނަގައިގެން ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން ކޮށްދިނުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ދަރަނި ނެގޭނެ ގާބިލްކަން އެބަހުރި، ރާއްޖޭގެ އިޤްތިޞާދު މިދަނީ ބާރަށް ކުރިއަށް. މިއަދު މިއޮތީ ކުރީގައި އޮތް ހާލަތަށް ޓޫރިޒަމް ވެސް ކުރިއަރާފައި. ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މިކަންކަން ކުރުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެކަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ހިނގަމުންމިދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއޫއާ އެކު މިހާރު ވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ތިލަދުންމައްޗަށް އިތުރުވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިހާރު ވެސް ބޮޑު ތިލަދުންމަތީގެ ފަތުރުވެރިކަމަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުވޭ. ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި އެތަނުގައި ޢަމަލީ މަސައްކަތް ފެށުމުން މިއީ ބަދަލުކޮށް ލެވޭނެ ކަމެއް ކަމަށް ނުދެކެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެ އެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް ވެސް އެމިނިސްޓްރީން ހާމަކުރައްވަ އެވެ.