ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހު ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.

ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ހއ. އުތީމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އެކު ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އުތީމަށް ވަޑައިގަންނަވާނެ އެވެ.

ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ސޯލިހު މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫއުތައް ނިންމައި ހިދުމަތްތައް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާނެ އެވެ. މީގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ހިމެނެ އެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޒޯން 1 ގެ ހިދުމަތް ފަށައި އެ ނިޒާމް އެ ސަރަހައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް މާލެ ވަޑައިގަންނަވާނީ، ބުދަ ދުވަހު އެވެ.