ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މިބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު، ހދ. ނައިވާދޫ ޕްރީސްކޫލްގެ ހޯލުގަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ނައިވާދޫ ކައުންސިލުން ވަނީ އެ ރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި، ރައީސަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދޫއަށް ރައީސް ސޯލިހު ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި، ނައިވާދޫގައި ފަށައި މިހާރު ހިނގަމުންދާ މަޝްރޫޢުތައް މިހާރަށްވުރެ ވެސް ހަލުވި ކުރަން ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.

ނައިވާދޫ ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ ޢިމާރާތް ބާވެ ޖާގަ ދަތިވުމާއި، ނަރުދަމާގެ ނިޒާމާއި، ސްކޫލުގެ ހޯލު ޢިމާރާތުގެ މަސައްކަތް އަވަސް ކުރުމާއި، ރަށްގިރުމުގެ މައްސަލަ ހިމެނެ އެވެ. މީގެ އިތުރުން ޒުވާނުނަށް ކުޅިވަރު ކުޅުމަށް އެކަށީގެންވާ ވަޞީލަތްތައް ޤާއިމްކުރުމަށް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.

ނައިވާދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ރާއްވަވައި ހިންގަވަމުން ގެންދަވަނީ، އެލް.ޖީ.އޭ ގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި، ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ޢިމާރާތް ކުރުމަށް އިސްކަންދެވޭ ކައުންސިލް އިދާރާތަކުގެ ލިސްޓުގައި ހިމަނައިގެން އާ ޢިމާރާތެއް ބިނާކުރެއްވުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ނައިވާދޫ ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމާ މެދު ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި އެކު މަސައްކަތް ކުރައްވައި އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ނައިވާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި، ރައީސް ވަނީ، ނައިވާދޫ ކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވައި އެ ޢިމާރާތުގައި ކައުންސިލުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާ ލައްވައިފަ އެވެ.