ޒީ ޓީވީން މަންމައިންނަށް ހާއްސަކޮށްގެން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯ "ޑީއައިޑީ ސުޕަ މޮމްސް"ގެ ތިން ވަނަ ސީޒަން ވަރްޝ ބަމްރާ ކާމިޔާބުކޮށްފި އެވެ.
ޒީ ޓީވީން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޝޯގެ ފައިނަލްގައި ހަ ބައިވެރިޔަކު ވަނީ ވާދަކޮށްފަ އެވެ. "ޑިއައިޑީ ސުޕަ މޮމްސް 3 " ވަރްޝާ ކާމިޔާބު ކުރީ އަޕްލަނާ ޕާންޑޭ، ރިދީ ތިވާރީ، ސާދަނާ މިޝްރާ، ސާދިކާ ޚާން އަދި އަނީލާ ރާޖަން ވާދަކޮށްގެންނެވެ. ވަރްޝާއަށް ޓްރޮފީގެ އިތުރުން ފަސް ލައްކަ ރުޕީސް ވަނީ ލިބިފަ އެވެ. އަދި މީގެ އިތުރުން ސްޕޮންސަރުގެ ފަރާތުން 2.5 ލައްކަ ރުޕީސް ވެސް ވަރްޝާއަށް ވަނީ ލިބިފަ އެވެ. މި ޝޯގައި ވަރްޝާގެ ކޮރިއޯގްރާފެއްގެ ގޮތުގައި ހަރަކާތެރިވެފައި ވަނީ ވަރްތިކާ ޖާ އެވެ.
މިޝޯގެ ދެވަނަ ހާސިލު ކޮށްފައި ވަނީ ސާދަނާ މިޝްރާއެވެ. އަދި ތިންވަނަ ހާސިލު ކޮށްފައިވަނީ ސާދިކާ ޚާންއެވެ.
މި މަހުގެ 25 ވަނަ ދުވަހު ދެއްކި ގްރޭންޑް ފިނާލޭގައި ހާއްސަ މެހެމާނުންގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ، ރަޝްމިކާ މަންޑަނާ އަދި ނީނާ ގުޕްތާ ވަނީ ބައިވެރިވެފަ އެވެ.
ޒީ ޓީވީން ދެއްކި މި ޝޯގެ ޖަޖުކަން ކޮށްފައިވަނީ ރެމޯ ޑި’ސޫޒާ އާއި އުރްމީލާ މަޓޮންޑްކާރުގެ އިތުރުން ބަގްޔާޝްރީ އެވެ. މިޝޯ ހުށައަޅައިދީފައި ވަނީ ޓީވީ ތަރި ޖޭ ބަނޫޝާލީ އެވެ.
މި ޝޯ ކާމިޔާބު ކުރުމާ ގުޅިގެން ވަރްޝާ ބުނެފައި ވަނީ ޝޯގެ ސަބަބުން ވަރަށް ގިނަ އެއްޗެހިތަކެއް ދަސްވެފައިވާ ކަމަށެވެ. އަދި ޝޯއިން ލިބުނު ފައިސާގެ އިނާމު ހަރަދުކުރާނީ ދަރިފުޅުގެ ތައުލީމަށް ކަމަށް ވަރްޝާ ބުންޏެވެ.