ބަޣުދާދު (29 ސެޕްޓެމްބަރު) އިރާގުގެ އިރުމަތީ ސަރަހައްދަކުން އެ ގައުމުގެ ވެރިރަށް ބަޣުދާދަށް ހަތަރު ރޮކެޓު ހަމަލާ ދީފި ކަމަށް ހަބަރުތައް ބުނެފި އެވެ.

މިއަދުގެ ވަގުތެއްގައި ދިން މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޯޓެއް ލިބިފައިނުވާއިރު އެއްވެސް ފަރާތަކުން މި ހަމަލާތަކުގެ ޒިންމާ ވެސް ނަގައިފައެއް ނުވެ އެވެ.

އިރުމަތީ އިރާގުގައި ހަނގުރާމަވެރި ދެ ޖަމާއަތެއް ހަރަކާތްތެރިވި ނަމަވެސް މިފަހުން އެ ގައުމުގައި ދިން ރޮކެޓު ހަމަލާތަކަކީ އީރާނުން އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ އޮފިޝަލުންނަށް އަމާޒުކޮށް ދޭ ހަމަލާތަކެކެވެ.

މިފަދަ ހަމަލާތަކެއް އިއްޔެގެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވިފައިވާ ކަމަށް ރޮއިޓާސްއިން ބުނެ އެވެ.

މިއަދުގެ ހަމަލާ ދީފައިވަނީ އިރާގުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމަށް އެ މަޖިލީހުގައި ވޯޓު ނެގުން ކުރިއަށް ދިޔަ ވަގުތެއްގަ އެވެ.

އިރާގުގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާއިރު އެ ގައުމުގައި ސަރުކާރެއް ނެތްތާ ގާތްގަނޑަކަށް އަހަރެއް ވަނީ ފާއިތުވެފަ އެވެ. -- އަލް އަރަބިއްޔާ