ޖާވާ (02 އޮކްޓޯބަރު) - އިންޑޮނޭޝިއާގެ އުތުރު ޖާވާގައި ކުރިއަށް ދިޔަ ފުޓްބޯޅަ މެޗެއް ހޫނުވެ، ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 174 މީހަކު މަރުވެއްޖެ އެވެ.
މި ހަމަނުޖެހުންތައް ފެށުނީ މެޗު ކުޅުނު އެއް ޓީމު ބަލިވުމުން އެޓީމުގެ ސަޕޯޓަރުން ދަނޑަށް އަރައިގަނެ ހަމަނުޖެހުން ހިންގަން ފެށި ހިސާބުންނެވެ.
ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި މީހުންތަކުގެ ތެރެއަށް ފުލުހުން ވަދެގަނެ ކަރުނަ ގޭސް ދޫކުރުމުގެ ނަތީޖާއަކަށްވީ މީހުން ތޮއްޖެހި ފިތި ތާށިވުމެވެ.
އޭގެ އިތުރުން ގިނަ އަދަދެއްގެ ކާރުތައް ދަނޑުމަތީގައި އަނދައި އަޅިއަށް ވެފައިވާއިރު އޭގެ ތެރެއިން ގިނަ އުޅަނދުތަކަކީ ފުލުހުންގެ ކާރުތަކެވެ.
ތާށިވުމުގެ ސަބަބުން މިހާތަނަށް 174 މީހަކު މަރުވެފައިވާކަން ޔަގީން ކުރެވިފައިވާއިރު އެކި ވަރުގެ އަނިޔާތައް ލިބިގެން 100 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި ފަރުވާ ހޯދާފައިވެ އެވެ.
މަރުވި މީހުންގެ ތެރޭޭގައި ދެ ފުލުހުންގެ އޮފިސަރަކާއި ފަސް އަހަރުގެ ކުއްޖެއް ހިމެނޭއިރު، ގިނަ މީހުން މަރުވެފައި ވަނީ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.
ފީފާގެ ގަވާއިދު ބުނާ ގޮތުން މެޗު ބަލަން އަންނަ މީހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ބާރުގެ ބޭނުން ކޮށްގެންނުވާނެ އެވެ. ނަމަވެސް އިންޑޮނޭޝިއާގެ ފުލުހުން ވަނީ އެއާ ޚިލާފުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ފުޓްބޯޅަ ލީގު އެއް ހަފްތާއަށް ސަސްޕެންޑްކޮށްފައިވާއިރު، މެޗުގައި ވާދަކުރި އެރީމާ ފުޓްބޯޅަ ކްލަބުގެ ދަނޑުގައި މި ސީޒަންގެ އިތުރު އެހެން އެއްވެސް މެޗެއް ނުބާއްވަން ވެސް ވަނީ ނިންމާފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ފުޓްބޯޅަ މެޗެއްގައި ހިނގާދިޔަ މިފަދަ އެންމެ ބޮޑު ހާދިސާ އެވެ. -- ސްކައި ނިއުސް