ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސިވިލް ކޯޓުން މިގޮތަށް ނިންމީ އަމީނީ މަގު ހަދާއިރު އެ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަމާއި ހިތްހަމަނުޖެހިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ މަގު ހެދުމުގެ މަޝްރޫއު ހުއްޓުވުމަށް އެދި ސިިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލައިގައި ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލު ޝުނާނާ އެވެ.

ވަގުތީ އަމުރެއް ނުނެރެއްޖެނަމަ އެ މައްސަލާގައި ފައިސަލާކުރަނިވި ހުކުމް އަންނައިރު މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަމުގެ މުއާލާތް ކެނޑުމުގެ ފުރުސަތު އޮތް މިންވަރު ހިމެނޭކަން ޝުނާނާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އަމީނީ މަގުގެ ގަސްތައް ކެނޑުމުގެ ވަގުތީ އަމުރެއް ނުނެރެ އޮއްވައި މައްސަލައިގެ ފައިސަލާކުރަނިވި ހުކުމެއް އަންނައިރު މައްސަލައިގެ މައުޟޫއުގެ މުއާލާތް ކެނޑޭނެ ކަމަށްވެސް ޝުނާނާ ވިދާޅުވި އެވެ.

ނަމަވެސް ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުން ކަނޑައަޅާފައިވާ ކަންކަމަށް ވަނީ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ނިންމަވާފައިވަނީ ވަގުތީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައި ނުވާ ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިއާދަ ނުކުރެވޭ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާންޖެހޭކަން އެނގެން ނެތް ކަމަށާއި ވަގުތީ އަމުރަށް އެދޭ ފަރާތަކީ މި އަމުރަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައި ބެލެވެން ނެތްކަމަށެވެ.

"ބުނެވިދިޔަ ކަންތައްތައް އެގޮތުގައި ހުރުމުން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗާ (ދިވެހި ދައުލަތް) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް ގ. ކެނެރީގެ / މާލެ، މުހައްމަދު ނަޝީދުގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު، ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިފީމެވެ." ގާޒީގެ ނިންމުމުގައިވެ އެވެ.