ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން އެ ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭއާ މެދު އެ ކުންފުނިން ހިތްހަމަނުޖެހިގެން، އެފްކޮންސް އިން އަމިއްލައަށް ސާވޭ ކުރަން އެދިފައިވާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.
ތިލަމާލެ ބްރިޖު އެޅުމަށްޓަކައި ހެދި ޕްލެޓްފޯމު ފަރަށް އެރުމާއި ގުޅިގެން ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތަށް ދިރާސާކުރުމަށް އީޕީއޭއިން ކުރި ސާވޭ އެ އިދާރާއިން ވަނީ އިންޑިއާގެ ކުންފުންޏާއި ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ކުންފުނިން އެ ސާވޭ ގަބޫލު ނުކުރާކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމްވަނީ ވިދާޅުވެފަ އެވެ.
އެފްކޮންސް އިން ބުނީ ޑެމޭޖް އޭރިއާ ބަލާފައި ހުރި ގޮތް ބޮޑުކަމުން އެ މީހުން ބޭނުންވަނީ އެ ތަނަށް އެރި، އެ މީހުން އަމިއްލައަށް ސާވޭ ކުރަން ކަމަށެވެ. އަދި އީޕީއޭއިން އެތަނުގެ ސާރވޭ ކުރިއިރު އެފްކޮންސް އަށް ފުރުސަތުދިން ނަމަވެސް އެމީހުން ބައިވެރިނުވާ ކަމަށް އީޕީއޭއިން ބުނެ އެވެ.
"ޑެމޭޖް އޭރިއާގެ ހިސާބު ހަދާފައި ހުރި ގޮތާ މެދު ހިތްހަމަ ނުޖެހެނީ. އެހެންވެ އަލުން ސާވޭއެއް ހަދަން މީގެ ދެ ދުވަހެއް ކުރިން ބުނި،" ނައީމް ވިދާޅުވެފައިވެ އެވެ.
އީޕީއޭއިން ތައްޔާރުކުރި ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާނެ ކަމަށާއި އެ މުއްދަތު އަދި ހަމަނުވާ ކަމަށް ނައީމް ވިދާޅުވިއެވެ. ފަރަށް ލިބުނު ގެއްލުމުގެ ރިޕޯޓު އާންމު ނުކުރަނީ އެހެންވެގެން ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.