މަސްވެރިންނަށް މިސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދޭތީ މަސްވެރިންގެ ހައްގު ހޯދަންކަަމަށް ބުނެ އިއްޔެ ހަވީރު އިދިކޮޅު ޕީޕީއެމްއިން ކުރި މުޒާހަރާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ރޫޅާލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ހުށައެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ. މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ އަށް މެމްބަރުން ނެވެ. ނުފެންނަ ކަމަށް 23 އަދި ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އިއްޔެގެ މުޒާހަރާ ރޫޅާލައި 10 މީހުން ހައްޔަރުކުރިއެވެ. އެ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ސެމްބެ މިއަދު ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ އިން ރައްޔިތުންނަށްލިބިދީފައިވާ އަސާސީ ހައްގު ތަކަށްވާއިރު އެ ހައްގު ހަނިކޮށް ރައްޔިތުން ހައްގުތަކުން މަހުރޫމްކުރަމުންދާތީއާއި، އިހްތިޖާޖުގައި ބައިވެރިވި ކަނބަލުންގެ ކަރާމާތް ފުލުހުން ނަގާލާފައިވާތީއާއި އަދި މިއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ގާނޫނާއިވެސް ހިލާފު ކަމެއް ކަމަށެވެ.

މުޒާހަރާ ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިހްތިޖާޖުގެ ބައިވެރިންނަށް އަނިޔާވާގޮތަށް ފުލުހުންގެ ޢަމަލު ކުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށްއިދިކޮޅު ޕާޓީގެ ހައްގުތަކާއި ޒިއްމާތަކަށް ހުރަސްއެޅުމަށް ސަރުކާރުން އަންގައިގެން ފުލުހުން ލައްވާ ހިންގާ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ،

އެހެންކަމުން އެފަދަ އަމަލުތައް ނުހިންގުމަށާއި، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، އިހްތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިތިބި މީހުން ދޫކޮށްލުމަށާއި، ކަނބަލުންގެ ކަރާމާތަށް އަރައިގަނެފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އޭނާ ގޮވާލެއްވި އެވެ.

އިއްޔެ އިދިކޮޅުން މުޒާހަރާކޮށްފައިވަނީ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭތީ މަސްމާރުކޭޓު ސަރަހައްދުގަ އެވެ.