ގަވާއިދާއި ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން މިއަދު ހުއްޓުވައިފި އެވެ.

ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ މިދިޔަ މަހު ޓްރާންސްޕޯޓް މިނިސްޓްރީން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލް ކުރުމާއި ގުޅިގެން އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްފަހު އެފަދަ ވަގުތީ އަމުރަކަށް އެދުމުންނެވެ.

ސިވިލް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގައި އެ ކޯޓުން ހުކުމްކުރުމުގެ ކުރިން އެއީ ބާތިލުވެފައިވާ ރަޖިސްޓްރީތަކެއް ކަމަށް ނުބެލުމަށް އަމުރުކޮށްފަ އެވެ. އަދި އެ އުޅަނދުތަކަށް އެެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓަށް ވަނީ އަމުރުކޮށްފަ އެވެ.

ޓްރާންސްޕޯޓުން ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރިއިރު ބުނެފައިވަނީ އޭގެތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ޢުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، އަދި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނޭ ކަމަށެވެ.

ކޯޓުގެ ނިންމުމުގައިވަނީ ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ އުޅަނދުތަކުގެ ވެރި ފަރާތްތަކުގެ އާމްދަނީއަށް ހުރަސް އެޅި އަދި އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެކަންކަމަށް ބަދަލު ދިނުމުގެ ގާބިލްކަން ދައުލަތަށް ލިބިގެންވާ ކަމަށް ބެލިޔަސް، ގިނަ އަދަދެއްގެ އުޅަނދުތައް މި މައްސަލާގައި ހިމެނޭތީ އާއި އުޅަނދުތަކުން ކުރާ ބޭނުން ތަފާތުވާތީ ވެރިފަރާތްތަކަށް ލިބޭނެ ގެއްލުން ވަޒަން ކުރަން އުނދަގޫވާނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައި އެކަން އާންމުކޮށް އިއުލާންކޮށްފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކާރާ ސައިކަލު ހިމެނޭގޮތަށް ވެހިކަލް ތަކުގެ ރަޖިސްޓްރީ ބާތިލް ކުރަން ނިއްމީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާތީ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ވަގު ލިޔުން ހުށަހަޅައިގެން ރަޖިސްޓްރީ ކުރި ވެހިކަލްތަކެއްގެ ރަޖިސްޓްރީ ވެސް ބާތިލުކޮށްފަ އެވެ.