ހުއްދަ ނެތި ގަހުގެ ވިޔަފާރިކުރާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލް އިން ވަނީ އެ ކައުންސިލް އިން ހިންގަން ނިންމާފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓައި ހައްދައި ގަސް ވިއްކަން މާލޭގެ ކާނިވާ ސަރަހައްދުގައި ފިހާރައެއް ހުޅުވައިފަ އެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނީ ސިޓީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށެވެ. ނަމަވެސް، ސިޓީ ކައުންސިލުން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރަ ހުޅުވީ އެފަދަ އެއްވެސް ކަމެއް ނުކޮށް ކަމަށެވެ.

ހުއްދަ ނުހޯދާ ވިޔަފާރިކުރާ ކަމަށް ބަލައި އެ ކައުންސިލަށް ޖޫރިމަނާގެ ޗިޓް ހަވާލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އިކޮނޮމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފައިވަނީ 10،000 ރުފިޔާއިންނެވެ.

މާލޭ ސިޓީ ކައުންސިލް އިން ގަސް ވިއްކާތީ އަމާޒުވި ފާޑު ކިއުންތަކަށް ރައްދު ދެއްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލް އިން ގަސް ވިއްކި ނަމަވެސް އެފަދަ އެހެން ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްގެން ކަމަށް ބުނެފައިވެ އެވެ. އެ ކުންފުނި ރަޖިސްޓްރީ ކުރަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ އެވެ. އަދި އެފަދަ ކުންފުންޏެއް އުފައްދައިގެން ވެސް ކައުންސިލްތަކަށް ހުއްދަދެނީ ޢާންމުންގެ މެދުގައި ވާދަވެރި ނޫން ވިޔަފާރިތަކަށެވެ. ވާދަވެރި ބާވަތްތަކުގެ ވިޔަފާރީގެތެރެއަށް ވަނުމަށް ކައުންސިލްތަކަށް ހުއްދައެއް ނުކުރޭ އެވެ.