ބިގް ބޮސްގެ 16 ވަނަ ސީޒަން ފަށައިގެން ކުރިއަށްދާއިރު، މިފަހަރުގެ ސީޒަންގައި ކުރިއަށް ގެންދަނީ އެހެން ސީޒަންތަކާއި ހިލާފަށް "ބިގްބޮސް"ގެ ބައިވެރިވުމާއެކު އެވެ.

އެހެން ސީޒަންތަކުގައި ފެނިގެންދާ ފަދަ ޓާކްސްތަކެއް މިފަހަރުގެ ސީޒަން ފެނިގެންއައިރު ފެނިފައިނުވާއިރު ބައިވެރިން މެދުގައި އޮންނަ ގުޅުންތައް ވެސް އެކި ދުވަހު ބަދަލުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހުށައަޅައިދޭ ބިގް ބޮސްގެ ވާދަވެރިންގެ މެދުގައި ޖަދަލުތަކާއި މާރާމާރީތަކާއި ގިނަ އަދަދެއްގެ ޑްރާމާތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ.

އެންމެ ފަހު އެޕިސޯޑްގައި ވަނީ ބިގް ބޮސް ގެއިން އެންމެ ނުފެންނަ ބައިވެރިން ހޮވުމަށް ބިގް ބޮސް އެދިފަ އެވެ. އެގޮތުން ގޭގައި ހިންގާ އެއްވެސް ކަމެއްގައި ބައިވެރިނުވާ އަދި ޓާސްކެއްގައި ވެސް ބައިވެރިނުވާ ދެ ބައިވެރިން ކަމަށް ހޮވިފައި ވަނީ ސުމްބުލް ތައުގީރާއި މަންޔާ ސިންގް އެވެ.

މިހަފްތާގައި ބިގް ބޮސް ގެއިން ބޭރުކުރުމަށް ނޯމިނޭޓްވެފައި ވަނީ ޝާލީން ބާނޯޓް އާއި މަންޔާ ސިންގް އަދި ސުމްބުލް ތައުގީރު އެވެ.

އެންމެ ފުރަތަމަ މިޝޯއިން ވަކިވެފައި ވަނީ ޓީވީ ބަތަލާ ސްރީޖީތާ ދޭ އެވެ. އެހެން ނަމަވެސް ވައިލްޑް ކާޑުގެ ގޮތުގައި ސްރީޖީތާ އަލުން މިފަހްތާގައި އަލުން ގުޅިގެންދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ބިގް ބޮސް 16 ގެ ބައިވެރިން

ގޯތަމް ވިގަށް ފަހު ބިގް ބޮސް 16 ގެ އާ ކެޕްޓަނަކަށް ޝިވް ތަކަރޭ ހޮވިފަ އެވެ. އަނެއްކާ ވެސް ވަނީ ކޮޓަރިތަކަށް މީހުން ބެހުމަށް ތަފާތު ޓާސްކެއް ބާއްވާފަ އެވެ. މި ޓާކްސް ތެރެއިން ބިގް ބޮސް ގޭގައި އުފެދިފައިވާ ގުރޫޕުތަކުގައި ކޮންމެ ވެސް ވަރަށް ރޫޅުމުގެ އަސަރުތަކެއް ފެނިފަ އެވެ.

މިހާރު އުފެދިފައިވާ ގުރޫޕުތައް ރޫޅި އާ ގުރޫޕުތައް އަލުން އުފެދިގެންދާނެކަން ޔަގީން ވަނީ އަންނަ ހަފްތާ ތެރޭގަ އެވެ. އަދި އެއް ބައިވެރިޔާ އަނެއް ބައިވެރިޔާ ދެމެދުގައި އޮންނަ ގުޅުންތަކަށް ވެސް ބުރޫ އަރަމުން އަންނަކަން ވެސް ފާހަގަ ކޮށްލެވެ އެވެ.