ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަށް ދިވެހި ދައުލަތުން ދޭ ނިޝާނު މުލީގެ ޝަރަފްގެ އިއްޒަތް އަރުވައިފިއެވެ.

ނަސީމަށް އިއްޒަތް އެރުވީ ގައުމީ އިނާމު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް 37 އަހަރު ދުވަހުގެ މުއްދަތަކަށް ނަސީމް ޚިދުމަތް ކުރައްވާފައިވާކަން ފާހަގަކުރެއްވި އެވެ. ޚާއްސަކޮށް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.ރައީސް އޮފީހުން ބުނީ 1972 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވިއިރު އެ ސިނާއަތުގެ އެއް ބާނީގެ ހައިސިއްޔަތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ނަސީމް ކުރެއްވި ކަމަށެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ނުކުރެވޭނޭކަމަށް ބައިނަލްއަޤްވާމީ އެކި ޖަމާއަތްތަކުން ބުނި ނަމަވެސް ނަސީމް އެކަން ގަބޫލު ނުކުރައްވައި ރާއްޖޭގައި ފަތުރުވެރިކަން ތައާރަފްކުރެވޭނޭ ގޮތްތައް ހޯދައި އެ މަސައްކަތުގައި ކާމިޔާބު ހޯއްދަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ހާއްސަ އެވޯޑު ވެސް ނަސީމަށް ވަނީ ލިބިވަޑައިގެންފަ އެވެ.