ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާއި ބައްދަލު ކުރައްވައިފި އެވެ.

ރައީސް ނަޝީދު ލަންކާގެ ރައީސާއި ބައްދަލުކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގޓަނަށް ކުރެއްވި ދަތުރު ނިންމަވާލައްވާ، ރާއްޖެ ވަޑައިގަތް މަގުމަތީގައި ލަންކާގައި މަޑުކުރެއްވުމަށް ފަހު އެވެ. މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ރައީސް ނަޝީދުވަނީ ރަނިލްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. ނަމަވެސް މިބައްދަލުވުމުގެ އިތުރު ތަފްސީލެއް މަޖިލީހުން ހާމަކޮށްފައިނުވެ އެވެ.

ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވަން ރައީސް ނަޝީދުއާ ހަވާލުކުރެއްވިފަހުން ލަންކާއަށް އެމަނިކުފާނުގެ ފަރާތްޕުޅުން މާބޮޑު އެހީތަކެއް ލިބުނުކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.

އަދި ލަންކާގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއަށް ރައީސް ނަޝީދު ވަންނަވައި، ލަންކާގެ އޭރުގެ ރައީސް ގޮޓަބަޔާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވުމުގެ ފުރުސަތު ރައީސް ނަޝީދު ދެއްވުމުން ރައީސް ނަޝީދަށް ލަންކާގެ ގިނަ ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ރަނިލްއާއި ނަޝީދަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. ދާދިފަހުން ރަނިލްގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ މަގާމަށްވެސް ވަނީ ނަޝީދު އައްޔަންކުރައްވާފަ އެވެ.