އިންޑޮނޭޝިއާގެ ޖަންގައްޔެއްގައި އުޅޭ ބޮޑު ޕައިތަން ހަރުފައެއް އެ ޖަންގަޔަށް ރަބަރު ކަނޑަން ދިޔަ އަންހެނަކު ދިރުވާލައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އުމުރުން 54 ގެ ޖަހުރާ ނަމަކަށް ކިޔާ އެ މީހާ ޖަންގައްޔަށް ދިޔައީ ރަބަރު ކަނޑާށެވެ. އެހެން ނަމަވެސް އޭނާގެ ހަބަރެއް ނުވެ ގިނައިރުވުމުން އާއިލާއިން ފުލުހުންނަށް އެންގީ އެވެ.
އެއާއެކު ފުލުހުންނާއި އާއްމުން ގުޅިގެން ކުރި މަސައްކަތުން ޖަހުރާ ފެނުނީ ގެއްލުނުތާ ތިން ދުވަސް ފަހުން މިދިޔަ އާދީއްތަ ދުވަހު ހަރުފައިގެ ބަނޑު ތެރެއިންނެވެ.
އެގޮތުން އެ ހަރުފައިގެ ދިގު މިނުގައި 22 ފޫޓު ހުންނާނެ ކަމަށާއި ފުލުހުންނަށް ޝައްކު ކުރެވުނީ އެ ހަރުފައިގެ ބަނޑު އާދަޔާ ޚިލާފަށް ފުއްޕާފައި އޮތުމުން ކަމަށް ހަބަރުތައް ބުނެ އެވެ.
ހަރުފަ މަރާލައި އޭގެ ބަނޑު ތެރެއިން ޖަހުރާ ނެގިއިރު އޭނާ ލައިގެން ހުރި ހެދުމާއި ޚުދު އޭނާއަށް ވެސް މާ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ.
ޖަހުރާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުން ބުނި ގޮތުގައި ޖަހުރާ ސަލާމަތް ކުރެވުނީ ހަރުފަ އޭނާ ދިރުވާލިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ.
މި ހާދިސާ ހިނގި ޖަންގައްޔަކީ ހަރުފަ ގިނަ ޖަންގައްޔެއް ކަމުން އެޖަންގައްޔަށް ވަދެ އުޅުމުގައި ސަމާލުވުމަށް ފުލުހުން އަބަދުވެސް އިންޒާރުދެ އެވެ.