ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ މަގާމުން ވަކިކޮށްދޭން އެދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ، ރައީސް ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމަށް އައްޔަންކޮށްފައިވާ ޝިމާޒް ވަކިކޮށްދޭން ހުށަހެޅީ، އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

މިނިސްޓަރު ނަހުލާ ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ޝިމާޒުގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ނަހުލާގެ ސިޓީގައި ވެއެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް މިނިސްޓަރު ތުހުމަތު ކުރައްވާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޝިމާޒަށް ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅައިފަ އެވެ.

އޭސީސީން މީގެ ކުރިންވެސް ވަނީ ޝިމާޒާ ގުޅޭ މައްސަލަތަކެއް ބަލައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓު ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަސާޖިއޯ ކިޔާ ކުންފުންޏަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައަކާއި ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދަމުންދާ މައްސަލައެއްވެސް ހިމެނެ އެވެ.

ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލަތައް ވަނީ އަނބުރާ އޭސީސީއަށް ފޮނުވާލައިފަ އެވެ.