ޗާގޯސް މައްސަލާގައި މިސަރުކާރުން ނިންމާފައިވާ ނިންމުމަށް އިހްތިރާމެއް ނުކުރާނެ ކަމަށާއި ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ އެނިންމުން ބޮލާލައި ޖައްސަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައިގައި ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި އެއީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހް މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅުގައި އޮތީ ވެސް ހަމަ މި ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއީ މޮރިޝަސް ރުއްސަން އިންޑިއާ އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ﷲގެ ރަހުމަތާ އެކީ 2023 އަކީ ދިވެހި ރައްޔިތުންގެ އަހަރެއް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ކަމަށް ވަންޏާ، ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް، މިހާރު ސަރުކާރުން މި މައްސަލައިގައި ކޮށްގެން އުޅޭ ކަންތަކަށް އަޅުގަނޑު އިހުތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ޗާގޯސް މައްސަލާގައި ނިންމާފައިވާ ނިންމުމަކީ ވަރަށް ޒިންމާދާރު ކުޑަ އަމަލެއް ކަމަށެވެ. އެންމެ މަތީ ދަރަޖައިން މި ސަރުކާރުން ވަނީ ޣައްދާރުވެފައިކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އެ ގައުމުން ކުރާ ދައުވާއާ ދެކޮޅަށް ރާއްޖެއިން މީގެ ކުރިން ދެ ފަހަރު އދ. ގައި ވޯޓު ދިނުމަށް ފަހު އެ ނިންމުން ސަރުކާރުން މި އަހަރު ވަނީ ބަދަލުކޮށްފަ އެވެ.

ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން އަންގަވައި ރައީސް ސޯލިހު ސިޓީ ފޮނުއްވީ އޮގަސްޓް މަހު އެވެ. އެކަމަކު އެކަން ފުރަތަމަ އެނގުނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހަޅާފައިވާ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި މިދިޔަ މަހު ފަހުކޮޅު ބޭއްވި އަޑުއެހުމެއްގަ އެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖެއިން ބަލައިގަތަސް ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދަނީ ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.