އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން އަވަސް އަވަހަށް އިސްތިއުފާ ދެއްވާތީ، ކައިރި ކައިރީގައި ގިނަ ބައި-އިލެކްޝަންސްތައް ބާއްވަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަން އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހުތައް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެ އެވެ.

އެ ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީންނެވެ. ކޮމެޓީން ބިލު ފާސްކުރިގޮތަށް ތަޅުމުން ފާސްކޮށްފައި ވަނީ 34 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފި ނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެ އެވެ.

މަޖިލީހުން މި ބިލު މިއަދު ފާސްކުރުމާ އެކު، ރައީސް މި އިސްލާހުތައް ތަސްދީގުކުރައްވާ ދުވަހުން ފެށިގެން، ކޯރަމް ނުގެއްލޭ ހާލަތުގައި ދެން ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަރަކު، އެއްފަހަރާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުރަހެއް ނޯންނާނެ އެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން މިދިޔަ ޖޫން މަހުގެ ނިޔަލަށް އީސީން ވަނީ 1.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން، އިންތިހާބުތައް ބާއްވަން އެ ކޮމިޝަނަށް ދީފައިވަނީ، 1.5 މިލިއަން ރުފިޔާ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް މި އަހަރު 458،628ރ. އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ. އެއީ، ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިލެކްޝަންސްގެ ބަޖެޓް އިތުރު ކުރަން ޖެހުނީ ޕާޓީތަކަށް ދޭ ފައިސާ ފިނޭންސްގެ ހާއްސަ ބަޖެޓުން ސީދާ އިލެކްޝަންސްގެ ބަޖެޓަށް އިތުރު ކުރުމާއި ލޯކަލް ކައުންސިލްތަކާ ގުޅޭ ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުންނެވެ.