ބ. އަަތޮޅުގައި އޮންނަ އަނަންތަރާ ކިހަވައް ރިސޯޓެއްގައި ވަޒީފާގައި އުޅުނު މޮރޮކޯ އަންހެނަކު ބަގީއަކާ އެކު މޫދަށް ވެއްޓިގެން ލިބުނު ކަމަށް ބުނާ ޒަހަމްތަކާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މޮރޮކޯއަށް ނިސްބަތްވާ މެޒާ ނަމަކަށް ކިޔާ އަންހެން މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވީ ރޭ ދަންވަރު 12:10 ހާއިރު ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ހިނގި އެ ހާދިސާގައި ޒަހަމްވި އުމުރުން 26 އަހަރުގެ މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ މީހާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި މަރުވި މީހާގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށްވެ އެވެ.

މި އަހަރުގެ މާޗް މަހު، ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރިސޯޓެއްގެ ފާލަން މަތިން ވެއްޓި އަންހެން ޓޫރިސްޓަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ ކަމުގައި ރިސޯޓްގެ އިހުމާލު އޮތް ކަމަށް ބުނެ ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

އެ ރިސޯޓުގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވެފައި ވަނީ މެޒާގެ މަރުގެ ތަހުގީގެއް އެއްވެސް އިދާރާއަކުން ކުރިއަށް ގެންދާނަމަ ރިސޯޓުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ ހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.