ގަތަރުގައި މިމަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ރަސްމިއްޔާތުގައި މަޝްހޫރު ބޮލީވުޑް އެކްޓަރު ރަންވީރު ސިންގް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިމަހުގެ 20 އިން އަންނަ މަހުގެ 18 ނިޔަލަށް ގަތަރުގައި ކުރިއަށްދާ ވޯޑްލް ކަޕްގެ ފައިނަލް މެޗްގެ ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލު ކުރުމުގެ ދައުވަތު ރަންވީރަށް ވަނީ ލިބިފަ އެވެ. އެ ދަތުރުގައި ފުޓްބޯޅައިގެ މަޝްހޫރު ތަރިންނާ އޭނާ ބައްދަލު ކުރާނެ ކަމަށް ވެސް ވެ އެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ރަންވީރަކީ މަގުބޫލު މޫނެކެވެ. ހާއްސަކޮށް އޭނާގެ ތަފާތު ސްޓައިލްއާއެކު އޭނާ އަކީ ޒުވާނުންނާ ރައްޓެހި މޫނެކެވެ.

މިފަހުން އޭނާ ވަނީ އަބޫ ދާބީގައި އޮތް އެންބީއޭ މުބާރާތުގެ މެޗުތައް ބެލުމަށް ޔޫއޭއީ އަށް ވެސް ގޮސްފަ އެވެ. އަދި ބާސްކެޓުގެ މަޝްހޫރު ކުޅުންތެރިންނާ ބައްދަލުކުރި އެވެ.

ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ ޑިސެމްބަރު މަހުގެ 23 ގައި ރިލީޒް ކުރާ 'ސާކަސް' ހިމެނެ އެވެ. މީގެ އިތުރުން ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ވެސް އޭނާގެ ކުރިއަށް އޮތް ފިލްމެކެވެ.

މިފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ލަވައިގައި ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފެތޭހީ ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ނޯރާ ފެނިގެންދާނެ އެވެ.