އައްޑޫއަށް މިއަދު ވަޑައިގަތުމުން ފެނުނު މަންޒަރުން އެމްޑީޕީ އަތުން އެ އަތޮޅު ބީވެއްޖެކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަކީ ވެރިކަންކުރާ އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ ސިޓީއެކެވެ. މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ ސިޓީގައި މަޖްލިސްގެ 7 މެމްބަރުންނަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ. އަދި ސިޓީ ކައުންސިލްގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރާއެކު ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ކޮންޓްރޯލްކުރަނީ އެމްޑީޕީންނެވެ.

މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއްގައި ޕީޕީއެމްއަށް މެޖޯރިޓީ ނުލިބޭ ސިޓީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިޔަށްދާ ސްޕީޑް ލަސްވުމާއި ބައެއް މަޝްރޫއުތަކުގެ ފެންވަރު ދަށްކަމަށް ބުނެ އެ އަތޮޅުގެ ބައެއް މަޖްލިސް މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ފާޑު ވިދާޅުވެފައިވެ އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑޫ އަށް ފުރަތަމަ ފަހަރު ވަޑައިގެންނެވުމުން އެ އަތޮޅުގައި ތިބި ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ގަން އެއާޕޯޓުން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ރައީސް ޔާމީން އައްޑޫގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގެން ބައްދަލުކުރެއްވީ ޕީޕީއެމްގެ ބޮޑު ސަޕޯޓެއް އޮންނަ ސ. ފޭދޫގެ މެމްބަރުންނާ އެވެ.

ރައީސް ޔާމީން އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ސ. ފޭދޫގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

އެރަށުގައި ހުންނަ ޕީޕީއެމްގެ ޖަގަހައަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ބުނަނީ ހުރިހާ ތަރައްގީއަކީ ލޮލަށް ފެންނަ ތަރައްގީއެއް ނޫން ކަމަށެވެ.

"އެހެންވީމަ މިތަނުގައި މިކުރާ ތަރައްގީ ރައްޔިތުންނަށް ކިހިނެތްތޯ ފެންނާނީ،" މަލާމާތުގެ ރާގަކަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރާއެކު އުޅެގެން "ފަރަށާއި ގިރިއަށް އެރުން ނޫން ކަމެއް ނުވާނެ" ކަމަށެވެ.

އައްޑޫގައި ހިނގި ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައިވާ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ ހަތަރު ބައްރުން މިހާރު ގަމަށް ޖެޓް އާދޭތޯ ސުވާލުކުރައްވައިފަ އެވެ. އަދި ވިދާޅުވީ ހަމައެކަނި މައްސަލައަކީ ޝަންގްރިއްލާ އާއި ހެރެތެރެ ރާއްޖެއާ ވަކިން އޮތުން ކަމަށް ވިދާޅުވެ، ސްޕީޗެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އޮޅިގެން ވިދާޅުވެވުނު ވާހަކަ ފުޅަކަށް ވެސް ޖެއްސުން ކުރައްވައިފަ އެވެ.

ރައީސް ޔާމީން އައްޑޫއަށް ވަޑައިގަތުމުން ގަމުގެ އެއާޕޯޓުން ޕީޕީއެމްގެ ސަޕޯޓަރުން މަރުހަބާ ދަންނަވަނީ. ފޮޓޯ: ޕީޕީއެމް

"އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދިނިން. އެތަން ހިންގަން ނެގުމަކީ މުޅިން އެހެން ކަމެއް،" ސ. ހިތަދޫގައި އަލަށް ހެދި ހޮސްޕިޓަލްގެ ހިންގުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.