ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަން އެ ގައުމުން އެދިއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރާއްޖޭގައި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް އެ މީހުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

"އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ." ފޮރިން މިނިސްޓްރިން ބުންޏެވެ.

ލަންކާގައި މަރުވާ މުސްލިމުން އަންދާ މައްސަލާގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ނުހުރުން އަމާޒުވެފަ އެވެ.

ސްރީލަންކާގެ އެޓާނީ ޖެނެރަލް ނިންމާފައިވަނީ ކޮވިޑް ގައި މަރުވާ މީހުންގެ ބޮޑީއާއި އާއިލާއިން ހަވާލުވުމަށްފަހު އެ ގައުމުގެ ސިއްހީ އޮފިޝަލުންގެ ހާޒިރުގައި އެންދުމުގެ ކަންކަން ކުރަމުން ގެންދާ ގޮތަށެވެ.

ލަންކާގެ އެޓާނީ ޖެނެރަލްގެ ސްޕޯކްސް ޕާސަން ވިދާޅުވިގޮތުގައި ހަށިގަނޑާ ހަވާލުނުވިއަސް މިހާރު ހަދާފައިވާ ކަރަންޓީން އުސޫލުތަކުގެ ތެރެއިން ހަށިގަނޑު އެންދިދާނެ ކަމަށާއި އަދި އެކަން އެގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އަންގާފައިވެ އެވެ.

މުސްލިމް އާއިލާތަކުން ވަނީ މިކަމާ ނުރުހުން ފާޅުކޮށް ހަށިގަނޑު އެންދުމާ ދެކޮޅު ހަދާފަ އެވެ. މިކަމާ ދެކޮޅަށް 12 ޕެޓިޝަނެއް ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ސްޕްރީމް ކޯޓުން ވަނީ މި ޕެޓިޝަންތައް ބަލައިނުގަންނަން ނިންމާފަ އެވެ. އަދި ބަލައިނުގަންނަން ނިންމި ސަބަބެއް ވެސް ހާމަކޮށްފައިނުވެ އެވެ.