ބޭރު ގައުމުތަކުގައި ކޮވިޑު-19 ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލަން ތާއީދު ނުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު އަވަށްޓެރި ސްރީލަންކާގައި ކޮވިޑު-19 ޖެހިގެން މަރުވާ އެންމެން ވެސް ވަޅުލުމުގެ ބަދަލުގައި އަންދާތީ އެކަމާ ގުޅިގެން އެ ގައުމުގެ މުސްލިމުން ދަނީ ނުރުހުންފާޅު ކުރަމުންނެވެ. އަދި އެ ގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސާ ވަނީ ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް ރާއްޖޭގައި އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ދިވެހި ސަރުކާރުން ދަނީ އެކަން ކުރެވޭނެތޯ ބަލަމުން ކަމަށް ބުނެ، ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ ގައުމެއްގެ ރައްޔިތުންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް ބޭރު ގައުމުތަކުގެ ކޮވިޑު-19 ޖެހިގެން މަރުވާ މީހުން ވަޅުލަން ރާއްޖެ ގެނައުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

ރައީސް މައުމޫންގެ ޓުވީޓުގައި ސްރީލަންކާގެ ވާހަކަ ނުގެންނެވި ނަަމަވެސް ބެލެވޭ ގޮތުގައި އެ ޓުވީޓް ކުރައްވާފައިވަނީ ސަރުކާރުން ނެރުނު ބަޔާނާއި ގުޅިގެންނެވެ.