ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ސްޓެލްކޯގައި އަލަށް ހުޅުވާފައިވާ "ސްޓެލްކޯ ޗައިލްޑް ކެއާ ސެންޓަ" އަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި ޗައިލްޑްކެއާ ސެންޓަރު ބައްލަވާލައްވައިފި އެވެ.

މި ސެންޓަރު ހުޅުވާފައި ވަނީ ސަރުކާރުން ރައްޔިތުންނަށް އިޖްތިމާއީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުންނެވެ.

ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރު ހުޅުވާފައި ވަނީ ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގްސަދުގަ އެވެ.

"ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރު" ގާއިމުކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގަ އެވެ. މި ސެންޓަރަކީ އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ. ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރު ވެސް 33 ކުދިން ވަނީ ރެޖިސްޓާކޮށްފަ އެވެ.

މި ސެންޓަރުގައި ހިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ހާއްސަ ތަމްރީންތައް ލިބިފައިވާ ގާބިލް ފަރާތްތަކެކެވެ. އަދި، މި ސެންޓަރު ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާޙައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށެވެ.

ރައީސް މީގެ ކުރިން ވަނީ މި ސިޔާސަތުތަކުގެ ދަށުން ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭނެގޮތާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ފަހިކޮށްދެއްވާފަ އެވެ.