އެފްއޭއެމް އެކި ފަރާތްތަކަށް ދަރާފައި އޮތުމުން ކަންބޮޑުވާ ކަމަށާއި އެކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު ވާހަކަދައްކަމުން އަންނަ ކަމަށާއި އެކަމަކު އެ ދަރަންޏަށް ސަރުކާރު ޒިންމާވާން ނުޖެހޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ އެފްއޭއެމް އަށް ސަރުކާރުން ދޭން އެއްބަސްވެ ނުދީ އެއްވެސް ފައިސާ އެއް ނޯންނާނެ ކަމަށެވެ. އަދި ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކަކީ ދަރަންޏަށް އަމިއްލަ އަށް ޒިންމާވާން ޖެހޭ ގާނޫނީ ޝަހުސުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ މިނިސްޓްރީގެ އެއްވެސް ޒިންމާއެއް ނެތް މި ދަރަންޏާ މެދު،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު މިކަމުގައި ކަންބޮޑުވެ، މައްސަލަ ހައްލުކުރެވޭނެ ގޮތްތަކަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި އެ ބައްދަލުވުމުގައި އެފްއޭއެމުން، މިކަން ވަރަށް އަވަހަށް ހައްލުކުރާނެ ކަމަށް ބުނެފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ އެސޯސިއޭޝަންތަކަކީ އެ އެސޯސިއޭޝަންތަކުން އަމިއްލައަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފައްދާފައިވާ ތަންތަން ކަމަށެވެ. އެ ދަރަންޏާމެދު މިނިސްޓްރީން ނަގަންޖެހޭ ޒިންމާއެއް ނޯންނާނެ ކަމުގައި ވެސް މަހުލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ މައްސަލައިގައި ކަންބޮޑުވުން އެބައޮތް ކަމަށާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ފައިސާގެ ކަންކަން ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން އެސޯސިއޭޝަނުން ވަރަށް ފަހުން ދިން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ސްޓެލްކޯއަށް އެފްއޭއެމް އިން ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެފްއޭއެމް ހައުސް އިން ވަނީ މިދިޔަ އޮކްޓޫބަރު މަހު ކަރަންޓު ކަނޑާލާފަ އެވެ. އަދި އޭޑީކޭ އަށް ވެސް އެތައް މިލިއަން ރުފިޔާއެއް ދެއްކުމަށް އެފްއޭއެމް އަށް އަންގާފައިވެ އެވެ.