ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 116 މީހުން ބަލިން ރަނގަޅުވެ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ވެސް މަދުވާން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން 83 މީހުންނެވެ. މިއީ ޖެހިޖެހިގެން 100 އަށްވުރެ މަދުން މީހުން ޕޮޒިޓިވްވި ދެވަނަ ދުވަހެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ބަލި ޖެހިފައިވަނީ 2،580 މީހުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 142 މީހަކަށެވެ. މިއީ އިއްޔެ އާ އަޅާ ބަލާއިރު ފަސް މީހުން މަދު އަދަދެކެވެ.

ރާއްޖެއިން މިބަލި ޖެހިގެން 29 މީހަކު މަރުވިއިރު، ޖުމްލަ 6،052 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ރޭ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވާން ފަށާނެ ކަމަށް ލަފާކުރެވެނީ މިމަހުގެ ފަހުކޮޅުން ފެށިގެންނެވެ.

"މާލެ ސަރަޙައްދުގެ ސިޓުއޭޝަން ދަންނަވަންޏާމު މިހާރު މިއޮތީ ވަރަށް ބޮޑަށް ސްޕްރެޑްވެފައި. ދެން މިދާ ޓްރެޖެކްޓްރީއަކަށް ގޮސްފައި ދެން ތިރި ވާނީ. ތަންކޮޅެއްކުރިން އޮގަސްޓްމަހުގައި އަޅުގަނޑު ހިއްސާކޮށްލި ޕްރޮޖެކްޝަންތަކެއް. އެހެންވީމަ އެސްޓިމޭޓްކުރެވޭ ސެޕްޓެމްބަރު ފަހުކޮޅަށް ޓްރެޖެކްޓްރީއަކަށް ގޮސްފައި ދެން ތިރިވާނީ،" އޭނާ ވިދާޅުވި އެވެ.