ކޮވިޑް 19ގެ ސަބަބުން މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަށް އެދި ލަންކާ ސަރުކާރުން ރާއްޖޭގައި އެދުނުކަން އެ ގައުމުގެ ކެބިނެޓަށް އެނގިފައި ނުވާ ކަމަށް ލަންކާގެ ނޫހަކުން ބުނެފި އެވެ.
ލަންކާގެ ވަޒީރުންގެ މަޖިލިހުގެ ތަރުޖަމާން މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާއާ ހަވާލާދީ އެ ގައުމުގެ ނޫހަކުން ބުނެފައިވަނީ ކޮވިޑް-19ގެ ޝިކާރައަކަށްވެ ނިޔާވާ އެ ޤައުމުގެ މުސްލިމުން ދިވެހިރާއްޖޭގައި ވަޅުލައިދިނުމަށް ލަންކާ ސަރުކާރުން އެދުނުކަމެއް ކެބިނެޓަށް އެނގިފައި ނުވާ ކަމަށެވެ.
މިކަމާ ބެހޭ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިފަދަ ކަމަކާ ގުޅޭ ގޮތުން ކެބިނެޓުގައި އެއްވެސް ގޮތަކަށް މަޝްވަރާކޮށްފައިނުވާ ކަމަށާއި މައުލޫމާތު ސާފު ކުރެއްވުމަށްފަހު ނޫސްވެރިނަށް ޖަވާބު ދެއްވާނެ ކަމަށް ކެހެލިޔާ ވިދާޅުވި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
ލަންކާގައި ކޮވިޑް 19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމާމެދު ދީނީ ޢީލްމުވެރިންނާ ސިޔާސީ ފަރާތްތަކުގެ ޚިޔާލު ވަނީ ތަފާތުވެފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ ރައްޔިތުން ރާއްޖޭގައި ވަޅުލުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑުގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލާންޖެހޭ ޝަރުއީ މަސްލަހަތެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ސަލަފް ޖަމިއްޔާގެ ރައީސް ޝައިހް އަބްދުﷲ ބިން އިބްރާހިމް ވެސް ވިދާޅުވި އެވެ.
ނަމަވެސް ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމަކީ މުހިން ކަމެއް ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެ އެވެ.
ކޮވިޑް ޖެހިގެން ލަންކާއިން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުގައި ފުޅާ މަޝްވަރާތަކެއް ކުރިއަށް އެބަދެ އެވެ.