ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ވޯލްޑް ކަޕް ގަތަރުގައި މިރޭ ފަށާ އިރު، މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުން ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހިންނަށް އިލްތިމާސްކޮށްފި އެވެ.
މިރޭ ގަތަރުގައި ވޯލްޑް ކަޕް ފެށިގެންދާއިރު ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯލްޑް ކަޕްގެ މެޗްތައް ބަލާއިރު ހުރިހާ އެންމެން ވެސް މުބާރާތުގައި ކުޅޭ ޓީމްތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުން ކުރުން ވަރަށް މުހިއްމު ކަމަށެވެ.
"މިސާލު ބެންޒީމާ. ބެންޒެމާއެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މިޓުވީޓާއެކު ގިނަ ބަޔަކު ވަނީ ރައީސް މައުމޫން ސަޕޯޓް ކުރައްވަނީ ކޮންޓީމަކަށްތޯ ސުވާލުކޮށްފަ އެވެ.
ރައީސް މައުމޫން މިސާލެއްގެ ގޮތުން ނެންގެވި ބެންޒީމާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުލަބް ކަމަށްވާ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކޮށްދިން ކުޅުންތެރިއެކެވެ.
ބެންޒީމާ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް 2022 ވަނަ އަހަރު ކާމިޔާބު ކޮށްފަ އެވެ. އޭނާއަކީ ފްރާންސް ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.
ނަމަވެސް އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ނުކުޅޭނެ އެވެ.
ގަތަރުގައި ބާއްވާ ވޯލްޑް ކަޕް މި ރެއިން ފެށިގެން އަންނަ މަހުގެ 18 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަކީ ދިވެހިންގެ ތެރޭގައި އަބަދު ވެސް ފޯރި ނަގާ މުބާރާތެކެވެ. އެގޮތުން މި ފަހަރުގެ މުބާރާތަށް ވެސް ދިވެހިން އެކި ގޮތްގޮތުން ތައްޔާރުވެފައިވެ އެވެ. ހާއްސަކޮށް މެޗްތައް ފޯރިގަދަކޮށް ބެލުމުގެ އިންތިޒާމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަޖައްސާފައިވެ އެވެ.