ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ގަތަރުގެ އަމީރަށް ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވެފަ އެވެ. އަދި ގަތަރުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތައް ރާއްޖެއާއި މުޅި ދުނިޔެވެސް އިންތިޒާރުކުރާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕް މުސްލިމް ގައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާކަމަށާއި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ގަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ ހިކްމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރުލިބޭކަމެއް ކަމުގައި ފާހަގަކުރައްވާފަ އެވެ.

މިއަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "ފީފާ ވޯލްޑް ކަޕް 2022" ގައި މިރޭ އެންމެ ފުރަތަމަ ކުޅެނީ ގަތަރާއި އެކުއެޑޯ އެވެ.