ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި މިއަދު ހިނގި މާރާމާރީއެއްގައި ހަތަރު ޒުވާނަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ވިލިމާލެ ކަނދޮޅުމާގޯޅީގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 3:12 އެހާކަންހާއިރު އެވެ. މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ވަނީ ފަށާފަ އެވެ. މިއީ ކޮން ސަބަބަކާ ގުޅިގެން އުފެދުނު ހަމަނުޖެހުމެއްކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.

މި މާރާމާރީގައި ބައިވެރިވި މީހުންގެ ތެރެއިން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ. އަނިޔާވި މީހުންނަށް ފަރުވާދިނުމަށްޓަކައި މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފުލުހުން ބުނިގޮތުގައި، މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ އުމުރުން 18 އަހަރާއި، 22 އަހަރާއި، 27 އަހަރުގެ އިތުރުން 31 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނަށެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ. މާރާމާރީ ހިންގަން މެދުވެރިވި ސަބަބާއި، މިކަމުގައި ޝާމިލުވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.