އެއްލައްކަ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުހައްޤުން އަނިޔާވެރިވާ ފަނޑިޔާރު، ސަލާމަތް ވެވިދާނެކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޓޮމް މިފަދައިން ވިދާޅުވީ ރޭ ޕީޕީއެމް ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވެރިކަން ނިމެން ދެން އޮތީ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ކަމަށާއި، ފަނޑިޔާރުން އެމީހުންގެ ރައްޓެހިންނާއި އަދި އާއިލާ މީހުންގެ ކައިރިން ދިވެހި ރައްޔިތުންގެ ވިސްނުންހުރި ގޮތް ސާފުކުރުމަށް އެދޭކަމަށް ޓޮމް ވިދާޅުވި އެވެ.

"ވެރިކަން ނިމެންއޮތީ 9 މަސްދުވަސް، ރައްޔިތުންތިބީ ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދޭކަށްނޫން. އެއްލައްކަ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ރިޔާސީ ކެނޑިޑޭޓަށް ނުހައްޤުން އަނިޔާވެރިވާ ފަނޑިޔާރު، ސަލާމަތް ވެވިދާނެކަމަށް ހީކުރުމަކީ ކުށްހީއެއް،" ޓޮމް ވިދާޅުވި އެވެ.

މެމްބަރު ޓޮމް މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ ހަތަރު މައްސަލައެއްގެ ދައުވާ މިވަގުތު ކްރިމިނަލް ކޯޓްގައި ހިނގަމުން ދެއެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއިން ރ. ފުއްގިރި ކުއްޔަށް ދިނުމާއި ގުޅިގެން އެ މަނިކުފާނުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގގެ ދައުވާއެއްގެ އިތުރުން، ވ.އާރަށް ކުއްޔަށް ދިނުމާއި ގުޅިގެން ކުރާ ރިޝްވަތު ހިފުމާއި އަދި މަނީ ލޯންޑްރިންގގެ ދައުވާ އެކެވެ.

ކްރިމިނަލް ކޯޓްގައި ހިނގަމުންދާ މި ހަތަރު ދައުވާގެ ޝަރީއަތް ހިންގަވަމުން ގެންދަވަނީވެސް އެ ކޯޓްގެ އިސް ގާޒީ އަހްމަދު ޝަކީލް އެވެ.

ދައުލަތުގެ ފަރާތުން އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅި ރ.ފުއްގިރި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ވަކި ހިސާބަކުން އެ މައްސަލަ އެއްކޮށް މަޑު ޖައްސާލުމަށް ފަހު މިހާރު އެންމެ ބާރު ސްޕީޑްގައި ކުރިއަށް ގެންދަނީ އޭގެ މާފަހުން އެކޯޓަށް ހުށަހެޅި ވ.އާރަށް މައްސަލާގައި ރައީސް ޔާމީންއާއި ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީޢަތްތަކެވެ.

ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ރ.ފުއްގިރި މައްސަލާގައި ހުށަހަޅާފައިވާ އިރު، އެ ހުށަހެޅުންތަކާއިމެދު ގޮތެއް ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުރު މުއްދަތު ފަހަނައަޅައި، އަހަރެއްހައި ދުވަސް ފާއިތުވެ ދިޔަ އިރުވެސް އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނުބާއްވަނީ ކޮން ސަބަބަކާއިހުރެ ކަމެއް ސާފެއް ނުވެ އެވެ. އެ މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ދައުވާކުރާ އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމްގެ ކުންފުނީގެ މައްޗަށްވެސް ރިޝްވަތު ދިނުމާއި މަނީލޯންޑްރިންގގެ ދައުވާ އުފުލާފައިވެ އެވެ.