ލައިގެން ހުރި ބޮކްސާ ތެރޭގައި ފޮރުވައިގެން މާލެއިން އައްޑޫއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މަސްތުވާތަކެތީގެ މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ މީހެއްގެ މައްޗަށެވެ. އެއީ ސ. ހިތަދޫ. ފަރުހާނާ މަންޒިލް، ޝަމްއޫން މުހައްމަދެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ވައިގެ މަގުން ގަމަށް މަސްތުވާތެކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ފުލުހުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި، ފާސްކުރަން ބޭނުންވާ ކަމަށް ބުނުމުން، އޭނާ ލައިގެން ހުރި ބޮކްސާ ތެރޭގައި މަސްތުވާތަކެތި ހުންނާނެ ކަމަށާއި އެތަކެތި އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުކުރާނެ ކަމަށް ބުނެ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން އެތަކެތި ނަގައި ފުލުހުންނާ ހަވާލުކުރި އިންސްލޭޝަން ޓޭޕް އަޅައިފައިވާ ޖޫސްޕެޓީ ކޮތަޅުގައި 99.25 ގްރާމްގެ ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާތީ ކަމަށެވެ.

އެ ދައުވާގެ އިބްތިދާއީ މަރުހަލާގައި ޝަމްއޫން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ޝަމްއޫން ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރީ ކޯޓު އަމުރަކާ ނުލައި ގާނޫނާ ހިލާފަށް ކަމަށެވެ. ތަހުގީގަށް ދީފައިވާ އިއުތިރާފު ބަޔާނަކީ އޮޅުވާލައިގެން ދީފައިވާ ބަޔާނެއްކަން ބުނެފައިވެ އެވެ.

އެހެންވެ ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ ކްރައިމް ސީންއަށް ދިޔަ ފުލުހުންނާއި މަސްތުވާތަކެތީގެ ތަހުލީލު ފޯމާއި އެހެން ބައެއް ބަޔާންތައް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް ބެއްލެވުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު އިއްޔެ ހުކުމް ކުރެއްވީ ޝަމްއޫން އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް ހުކުމުގެ ކުރިން ޝަމްއޫން ދެ އަހަރާއި 23 ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި 11 މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.