ޖަކާޓާ (22 ނޮވެމްބަރު) އިންޑޮނޭޝިއާގެ މައި ރަށެއް ކަމަށްވާ ޖާވާއަށް ރޭ އައި ބާރުގަދަ ބިންހެލުމެއްގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ އެވެ.

ރެކްޓަ މިންގަނޑުން 5.6ގެ ބާރުމިނުގައި އައި އެ ބިންހެލުން ފުރަތަމަ އައިސްފައިވަނީ ޖާވާގެ ދެކުނުގެ އަވަށެއް ކަމަށްވާ ސިއަންޖޫރްއަށް ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަމުން އަންނައިރު މިހާތަނަށް 252 މީހުން މަރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އޭގެ އިތުރުން 7000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ގިނަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ވެސް ބަދަލު ކުރެވިފަ އެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދަކީ އާބާދީ ބޮޑު ސަރަހައްދެއް ކަމަށާއި އެ ސަަރަހައްދުގެ ގެދޮރު އިމާރާތް ކުރުމުގެ ފެންވަރުވެސް ދަށްވުމާއެކު ލިބުނު ގެއްލުންތަކުގެ ނިސްބަތް އިތުރު ކަމަށް ބުނެވެ އެވެ.

މި ހާދިސާގައި ލިބުނު އުމްރާނީ އަދި ނަފްސާނީ ގެއްލުމުގެ ނިސްބަތް އަދި ބުނަން ނޭނގޭ ކަމަށާއި އެކަން ބެލޭނީ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ނިމުމުން ކަމަށް އިންޑޮނޭޝިއާގެ އިދާރާތަކުން ބުނެ އެވެ. - ބީބީސީ