ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނުއިރު ޖަލްސާއަށް ހާޒިރުވީ 22 މެންބަރުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވި، މިއަދު، މިވަގުތު މަޖިލީހަށް ހާޒިރުވެ ތިއްބެވީ 22 މެންބަރުން ކަމަށެވެ.

"އެއީ ވަގުތު ފަހަނައަޅާ ދިއުމަށް ފަހު، ރަނގަބީލު ޖެހުމަށްފަހު ވެސް ހާޒިރުވި މެންބަރުންގެ އަަދަދު،". ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މިއީ 87 މެންބަރުން ތިއްބަވާ މަޖިލީހެއް ކަމަށާއި، އަދި ކޮންމެ މެންބަރަކަށް ވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމެޓީތަކުން ވެސް އެހާ ގިނައިން މެންބަރުންނަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު މިއަދު ވަނީ މަޖިލިސް އޮންނަ ދުވަސް ދުވަހު، މަޖިލީހަށް ހާޒިރުވެ، ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

"ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަ ދައްކަވާ ހިޔާލު ފާޅުކުރުމަކީ މި މަޖިލީހުގެ އަސާސީ މަގްސަދު،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީ ދަށް ވުމަކީ ނަޝީދުގެ އަބަދު ވެސް ކަންބޮޑުވުމެކެވެ. ފަހު ދެ ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ދަށް އިރު، ގިނަ މައްސަލަތަކުގައި ބަހުސް ކުރާނެ މެންބަރުން ނުވެ، ޖަލްސާ ނިންމާލާފައި ވެސް ވެ އެވެ.