ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އަދި، ބަންދުގައިވާ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން މިހާރު ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް ބަދަލު ގެނެސްފައިވެ އެވެ.

ހަމަ އެއާއެކު މި އިޞްލާޙުން، ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާ އާއި ޕްރޮސެކިއުޓަ ޖެނެރަލާ ދެމެދު ވެވޭ އިޢުތިރާފުގެ އެއްބަސްވުމާގުޅޭ އުސޫލުތަކަށް ބަދަލު ގެނެސްފައިވެ އެވެ.

މި އިޞްލާޙުން، ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދުމާއި އަމުރު ނެރެދިނުމާ ގުޅޭ އުސޫލުތަކާއި ހިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުމާ ގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅިގެން ދާނެ އެވެ. މިގޮތުން ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާއަކީ އޭނާ ހެކިބަސް ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދަޢުލަތަށް ޤަބޫލުކުރެވޭނަމަ، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެކަމަށް މި އިޞްލާހުގައި ކަނޑައަޅައިފައިވެ އެވެ.

ރައީސް މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފަ އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ