ސިނަމާލެ ހަތަރެއް އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުގެ ތެރެއިން 540،945 ރުފިޔާ މާފުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ނިންމުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދުމާ ގުޅިގެންނެވެ.

މި ނިންމުން ފިނޭންސް މިނިސްޓްރީން ނިންމުމާ ގުޅިގެން އެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން އެދުނީ މިކަން ކޮށްދޭން. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުގައި އެދުނީ މިކަން ކޮށްދޭން. އަޅުގަނޑުމެންގެ އެދުމުގެ މަތިން މިކަން ސަރުކާރުން ކޮށްދިނީމަ ވަރަށް ބޮޑަށް ސަރުކާރަށް ޝުކުރު އަދާކުރަން،" މޭޔަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ "ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލުގެ" ގައިވާ ގޮތުގެ މަތިން ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމުގައި އެ ފައިސާ ކަނޑައަޅާފައިވާ ކަމަށެވެ.

ވިލިމާލެ ފްލެޓްތައް އަމިއްލަ ކުރުމަށް ފުރުސަތު ދިނުމަށް ކައުންސިލުން ނިންމީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 40 ވަނަ ޖަލްސާގަ އެވެ.

އެ ޖަލްސާގައި ނިންމީ މާލޭގައި ހުރި އެހެން ފްލެޓްތަކެކޭ އެއްފަދައިން ވިލިމާލޭގައި ހުރި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުސަތު އެ ފްލެޓްތަކުގެ ވެރިންނަށް ދިނުމަށާއި ވިލިމާލެ އާއި މާލޭގައި ހުރި ހަ ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް ރައީސް އޮފީހުގައި އެދުމަށެވެ.