ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އިސް މުވައްޒަފަކަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މާލީ ތަނަވަސްކަން ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހެޅީ އެކަމަށް ބާރުދޭ ހެކިތަކާއެކު ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލައިގައި ވަނީ 57 އުޅަނދެއް ރަޖިސްޓްރީކޮށްދިނުމުގައި ގަވައިދާ ހިލާފުވެފައިވާ ގޮތުގެ ތަފްސީލުކޮށްދޭ ރިޕޯޓު ހުށަހަޅައިފަ އެެވެ.

ގަވާއިދާ ހިލާފަށް އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި މިނިސްޓަރުގެ ނަހުލާގެ ބައިވެރިވުން އޮތް ކަމުގެ ހެއްކަކީ މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވާ ކަމަށް ވެސް ހުށަހެޅި މައްސަލައިގައިވެ އެވެ.

ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ރުޝޫނާ ވަނީ ދާދިފަހުން ސަސްޕެންޑުކޮށްފަ އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށް ތުހުމަތުކޮށް އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި މިނިސްޓަރު ނަހުލާ ވަނީ ދާދިފަހުން ރައީސް އޮފީހުގައި އެދިވަޑައިގެންފަ އެވެ.