ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލައި އަމަލު ކުރަން ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއުސޫލު އެކުލަވާލާފައިވަނީ ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާ ކުރުމަށް އޭސީސީން ނެރުނު "ހުދު ކަރުދާސް" މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް މިފަދަ ކަންކަމުގައި ބަދަލު ދެވޭނެ އުސޫލެއް ކަނޑައެޅުމަށް މަޖިލީހުން ސަރުކާރަށް ދީފައިވާ ލަފާގެ މަތީންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެންގެވުމަކަށް ސެޓްލްމަންޓް ކޮމިޓީ ފުރަތަމަ އެކުލަވާލީ ޖެނުއަރީ، 27، 2019ގަ އެވެ. ބޭނުމަކަށް ވީ ސަރުކާރުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް އުވާލާފައިވާތީ އެ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދިނުމެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ކުރީގެ ސަރުކާރުތަކުން އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. މި މައްސަލަތައް ބަލަން އުފެއްދި ސެޓްލްމަންޓް ކޮމިޓީއަށް 37 މައްސަލައެއް ހުށަހެޅި އެވެ. މި ކޮމިޓީގެ ފަހު ބައްދަލުވުން ފެބުރުއަރީ 2021 ގައި ބާއްވައި ސެޕްޓެމްބަރު މަހު ވަނީ އުވާލައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލި 19 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މިއުސޫލަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކާއިމެދު، ޤާނޫނާއި ގަވާއިދާއި ސަރުކާރުން އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް އެއްވެސް ހަމައެއް އިސާފެއްނެތި އަމަލުކޮށްފައިވުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުސަތުތަކަށް ބަދަލު ހަމަޖައްސައިދީ އަދުލުވެރިކަމާއެކު ދައުލަތަށްވެސް މާލީ ގޮތުން އުފުލަންޖެހޭ ބުރަ ކުޑަވާނެ ގޮތަކަށް އެކުލަވާލާފައިވާ އުސޫލެކެވެ.

މިއުސޫލުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލީ ބަދަލު ދިނުމަށް ކަނޑައަޅާ މައްސަލަތުކުގައި ދައުލަތުން ފައިސާދިނުމުގެ ބަދަލުގައި އެމުޢާމަލާތަކާ ގުޅިގެން އެފަރާތައް ޤާނޫން ހުއްދަކުރާ މިންވަރަކަށް ސަރުކާރުން ދެވެން އޮތް އެހެނިހެން ލުއިތަކާއި އިނާޔަތްތައް ދީފައި މައްސަލަ ނިންމުމަށް އިސްކަން ދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއުސޫލަށް އަމަލު ކުރަން ފަށާފައިވާއިރު، އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާއި ގުޅޭ މައްސަލައެއް ކަމާއި ބެހޭ މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެެރޭގައި ހުށަހަޅަންޖެހޭނެއެވެ. ހުށަހެޅޭ މައްސަލަތައް ވާންޖެހޭނީ އެއްބަސްވުން ބާތިލް ކުރުމައި އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކުރުމާއި އެއްބަސްވުމާއި ޚިލާފުވުުގެ އިތުރުން ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދަ ބާތިލް ކޮށްފައިވާ މައްސަލަތަކެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއުސޫލުގެ ދަށުން ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު ކޮށްފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން 7 އޮގަސްޓް 2008 އިން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާ ތާރީޚާ ދެމެދު އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ބޭރުން ޢަމަލުކޮށްފައިވާ މައްސަލަތައް ބަލައި ބަދަލު ދޭންޖެހޭނަމަ އެކަން ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މި އުސޫލުގައި މިފަދަ މައްސަލަތަކުގައި ކޯޓުން ބޭރުން މައްސަލަ ކުރެވޭނެ ހާލަތްތަކެއްވެސް ވަނީ ބަޔާންކޮށްފަ އެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ކޯޓުގެ ހުކުމަކުން ނަގައިދެވޭ އަދަދު، މި އުސޫލުގެ ދަށުން މައްސަލަ ހައްލު ކުރުމުގައި ނަގައިދެވޭ އަދަދަށްވުރެ ބޮޑުވެދާނެ ހާލަތެއްގައި ދައުލަތަށް ލިބޭނެ މާލީ ގެއްލުން ކުޑަކުރުމެވެ.

ބަދަލު ދެވޭނެ އުސޫލުގެ ދަށުން މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަން ޖެހެއެވެ. އެކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތަކާއި، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި، ޕްލޭނިން މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީން ކަނޑައަޅާ ފަރާތެކެވެ.

ކޮމެޓީއަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ކުރުމަށްފަހު ޤާނޫނުތަކާއި ޚިލާފަށް ބޭއިންސާފުން ޢަމަލުކޮށްފައިވާނަމަ އެފަދަ މައްސަލައެއް ބަލައި އެކަމާއި ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެމައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ފާހަގަވެއްޖެނަމަ ކޯޓުން ބޭރުންވެސް މައްސަލަ ހައްލު ކުރެވިދާނެކަމަށް މި އުސޫލުގައި ބުނެފައިވެ އެވެ. އަދި މިފަދަ މައްސަލައެއް ބެލުމަށް ހުށަހަޅާ މިނިސްޓްރީއަކުން 90 ދުވަހުގެ ތެރޭގައި އެމައްސަލައެއް ބަލައި ކޮމެޓީއަށް ފޮނުވަން ޖެހެ އެވެ.