ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސޫ ކޮކް ލެންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތަށްފަހު ސިންގަޕޫރު ސަފީރާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ ސިންގަޕޫރުގެ އާ ސަފީރަށް މަރުހަބާ ވިދާޅުވެ ދެގައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ދޭދޭ ގުޅުމާއި، ދެގައުމުން ގަބޫލުކުރާ އުސޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފަ އެވެ. މީގެ އިތުރުން ވެސް ރައީސް ސޯލިހު ވަނީ ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ސިންގަޕޫރުގެ ސަފީރު ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން، ދެބޭފުޅުން ވަނީ ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް-19 މެނޭޖްކުރުމުގައި އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކަށް ތައުރީފްކުރައްވައި ރައީސުލްޖުމްހުރިއްޔާއަށް މަރުޙަބާ ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރުން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 20 ފެބްރުއަރީ 1975 ވަނަ އަހަރުގަ އެވެ.