"ކޭ ބިއުޓީ" ގެ ނަމުގައި އަމިއްލަ މޭކަޕް ބްރޭންޑެއް ވެސް ލޯންޗްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ އަމިއްލަ ހެލްތު އެންޑް ވެލްނެސް ބްރޭންޑެއް ނެރުމަށް ނިންމައިފި އެވެ.

ޕިންކްވިލާ އިން ބުނާ ގޮތުގައި ހެލްތު އެންޑް ވެލްނެސް ބްރޭންޑެއް ކެޓްރީނާ ވަރަށް އަވަހަށް ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ބްރޭންޑް ނެރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މޭކަޕާ އެގޮތަށް ބަތަލާ ކެޓްރީނާއަކީ ވެސް ސިއްހަތަށް ވެސް ވަރަށް ބަލައިގެން އުޅޭ ތަރިއެކެވެ.

އަބަދު ވެސް ސިއްހަތާއި ފިޓްނެސް އަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ 39 އަހަރުގެ ބަތަލާގެ ހެލްތު އެންޑް ވެލްނެސް ބްރޭންޑް ވާނީ ހަށިހެޔޮ، ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކޮށްދޭ ވަރަށް ވެސް ހާއްސަ ބްރޭންޑަކަށް ވެސް މީޑިއާތަކުން ބުންޏެވެ.

ކެޓްރީނާގެ އަމިއްލަ ހެލްތު އެންޑް ވެލްނެސް ބްރޭންޑެއް ނެރުމަށް ތައްޔާރުވަމުން އަންނައިރު އިންޑިއާގެ މަޝްހޫރު އަނބު ޖޫސް ބްރޭންޑް "ސްލައިސް" އާއެކު ހަދާފައިވާ އެއްބަސްވުން ކެޓްރީނާ ވަނީ އުވާލާފަ އެވެ. ކެޓްރީނާ އެއެއްބަސްވުން ހަދާފައިވަނީ މީގެ 16 އަހަރު ކުރިންނެވެ.

އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން 2019 ގައި ލޯންޗްކުރި "ކޭ ބިއުޓީ" މޭކަޕް ބްރޭންޑަކީ މިހާރު އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް މަޝްހޫރު ބްރޭންޑެކެވެ.

މިއަހަރު ބޭއްވި "ވޯގް ބިއުޓީ އެވޯޑްސް" ހަފްލާގައި "ބްރޭންޑް އޮފް ދަ އިޔާ" ގެ އެވޯޑް ކެޓްރީނާގެ ކޭ ބިއުޓީއަށް ވަނީ ލިބިގެން ގޮސްފަ އެވެ.

ކެޓްރީނާގެ ބިއުޓީ ބްރޭންޑަށް އަދިވީ އެންމެ ތިން އަހަރެވެ.

ކެޓްރީނާ އަންނަނީ އޭނާގެ ބިއުޓީ ބްރޭންޑްގެ ދަށުން، ރީތިވުމަށް ބޭނުންކުރާ ސާމާނުތައް ވިއްކަމުންނެވެ. އިންޑިއާގެ އެކި ސަރަހައްދުގައި ފިހާރަތައް ހުޅުވައި ވިޔަފާރި ފުޅާކުރަމުންދާއިރު އޮންލައިންކޮށް ވެސް ވިޔަފާރިކުރެވޭނެ މަގު ފަހިކޮށްދީފައިވެ އެވެ.