މިއަހަރުގެ މިހާތަނަށް 1.49 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 1،491،236 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 1.15 މިލިއަން ފަތުރުވެރިންނެވެ.

ކޮވިޑްގެ ކުރިން އެއަދަދު ހުރީ 1.53 ގަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެއަށް 146،879 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއަހަރު އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރީ އިންޑިއާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން އައީ ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް އަދި އިޓަލީންނެވެ.

މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4800 ފަތުރުވެރިން އާދެ އެވެ. މިއަހަރުގެ ކޮންމެ މަހަކު ވެސް ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފަ އެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1197 ތަނެއް ވަނީ ހުޅުވާފަ އެވެ. އެއީ މުޅި ޖުމްލަ 59،351 އެނދެވެ. ރާއްޖެއިން މިއަހަރު އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.