މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ ބަލައިގަނެ އޭސީސީން ތަހުގީގުކުރަން ފަށައިފި އެވެ.
މިނިސްޓަރު ނަހުލާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އަމިއްލަ ފަރާތަކުން މިދިޔަ މަހު 26 ގައި އޭސީސީއަށް ހުށަހެޅި އެ މައްސަލައަކީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީގެން މާލީ ފައިދާ ހޯދަމުންދާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ އެވެ.
މިކަމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ އެ މައްސަލަ އެކޮމިޝަނަށް ބަލައިގަނެ މައްސަލާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށް އޭސީސީން ބުންޏެވެ. އެގޮތުން އެ މައްސަލައިގެ ފުރަތަމަ މަރުހަލާގައި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ހޯދަމުންދާ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން މީގެ ކުރިން ވަނީ އެ މައްސަލައާއި ގުޅިގެން މިނިސްޓަރާ ސުވާލުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ބުނެފަ އެވެ.
މިނިސްޓަރު ނަހުލާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލާގައި ގަވާއިދާ ޚިލާފަށް 57 އުޅަނދެއް ރަޖިސްޓްރީކޮށް މަންފާ ހޯދަމުން އަންނަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން އުޅަނދުތައް ރަޖިސްޓްރީ ކުރާއިރު ކޮންމެހެން ހުށަހަޅަންޖެހޭ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ހުށަހަޅާފައިވާ ނުވާކަން މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. އަދި އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ސިޓީތައް މިނިސްޓްރީގައި އެންޓްރީ ހެދުމަކާއި ނުލައި އަދި ޖަވާބު ދިނުމަކާ ނުލައި ސިއްރިއްޔާތުގައި ދޫކޮށްފައިވާކަމަށާއި، އެކަންކަން ހިންގީ މިނިސްޓަރު ނަހުލާގެ ހުއްދަ ދީގެން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
އެ ތުހުމަތުގައިވާގޮތުން އެ އުޅަނދުތައް ރާއްޖެއަށް އެތެރެކޮށްފައި ވަނީ ރާއްޖޭގައި އުޅަނދު އެތެރެކޮށް ވިޔަފާރިކުރާ ކުންފުންނަކުން ރާވައިގެންނެވެ. މިނިސްޓަރު ނަހުލާގެ މައްޗަށް ތުހުމަތުކުރާ މި މައްސަލައަށް މިނިސްޓަ އަދި ޖަވާބެއް ނުދެއްވަ އެވެ.