ޖަކާޓާ (06 ޑިސެމްބަރު) - ކައިވެނީގެ ބޭރުން އެއްދާން ކުރުން މަނާކުރާ އިސްލާހެއް އިންޑޮނޭޝިއާގެ ގާނޫނު އަސާސީއަށް ގެނެސް އެ އިސްލާހު ފާސްކޮށްފި އެވެ.

މި އާ ގާނޫނުގެ ދަށުން ކައިވެނީގެ ބޭރުން އެއްދާން ކޮށްފިނަމަ ދެ ފަރާތަށް ވެސް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެގޮތުން އިންޑޮނޭޝިއާގެ ރައްޔިތުންގެ އިތުރުން އެގައުމުގައި މަސައްކަތްކުރާ ބިދޭސީންނާއި އެގައުމަށް ޒިއާރަތްކުރާ ފަތުރުވެރިންނަށް ވެސް މި ގާނޫނު ހިންގޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ގާނޫނާއެކު ކައިވެނިނުކޮށް އެއްކޮށް ދިރިއުޅުމަކީ ވެސް މަނާކަމެކެވެ. މި ގޮތަށް އުޅެމުންދާ ނަމަ ޖަލު ހުކުމުގެ އިތުރުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.

އިންޑޮނޭޝިއާއަކީ މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ ގައުމެއް ނަމަވެސް އިސްލާމީ ޝަރީއަތް އެގައުމުގައި މިހާތަނަށް ތަންފީޒު ކުރެވިފައެއް ނުވެ އެވެ.

އިސްލާހު ފާސް ކުރެވިފައިވީ ނަމަވެސް އެ އިސްލާހަށް އަމަލު ކުރަން ފަށާނީ މީގެ ތިން އަހަރު ފަހުން ކަމަށް އިންޑޮނޭޝިއާގެ އިދާރާތަކުން ބުނެ އެވެ.

މި ބަދަލުތަކަކީ އެގައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ސަރުކާރަށް ކުރިމަތިވަމުން ދިޔަ ފިއުތުންތަކުގެ ސަބަބުން ގެނައި ބަދަލުތަކެއް ކަމަށް ބެލެވެ އެވެ.

މި ގާނޫނާ ދެކޮޅަށް އަޑު އުފުލައި ގިނަ ބަޔަކު ވަނީ އިންޑޮނޭޝިއާގެ މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފަ އެވެ. މިއާއެކު އެގައުމުގެ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.