އުރީދޫ މޯލްޑިވްސްއިން ހެލްތް ކިޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ 28 ސިއްހީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފި އެވެ.
މިއީ ދުޅަހެޔޮ ސިއްޙަތެއް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އުރީދޫން މިއަހަރުގެ ކުރީކޮޅު ފެށި މަސައްކަތެކެވެ.
އުރީދޫން ހެލްތް ކިޓް ހަދިޔާކޮށްފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި، ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒުގެ އިތުރުން އދ. މާމިނގިލީގެ ސިއްހީ މަރުކަޒަށެވެ.
މި ހެލްޓް ކިޓްތަކުގެ ތެރޭގައި ސިއްހީ މަރުކަޒަކަށް ބޭނުންވާ ޒަރޫރީ ސާމާނާއި، ސްޓެތެސްކޯޕާއި، ޑިޖިޓަލް ސްފިގްމަމަނޯ މީޓަރު، ޕަލްސް އޮކްސިމީޓަރު، އޮޓޮސްކޯޕް އާއި ޑިޖިޓަލް ތާމޯމީޓަރުގެ އިތުރުން ނެބިއުލައިޒަ މެޝިނެއް ހިމެނެ އެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތް ކިޓް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫން މިއަހަރުގެ އެ ކުންފުނީގެ ސީއެސްއާރު ފޯކަސްގެ ގޮތުގައި "ހެލްތު އެންޑް ވެލްނެސް" އަށް އެއްބާރުލުން ދީ ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ. އަދި ކައުންސިލްތަކާއި ރެކްރިއޭޝަނަލް ކްލަބްތަކާއި ގިނަ މުބާރާތްތައް ސްޕޮންސާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމައަށް ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ "ކަލަ ރަން"ގެ ނަމުގައި ހަރަކާތެއް ކޮންމެ އަހަރަކު ވެސް ހިންގަ އެވެ.
އުރީދޫ މޯލްޑިވްސް އަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީ، ބޭނުންވާ އަދި މުހިންމު މައުލޫމާތު، ޚާއްސަކޮށް، ދަތި ހާލަތްތަކުގައި އެހީ ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.