ޑްރޯން ބޭނުންކުރުމަށް އަންނަ އަހަރުން ފެށިގެން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން ދަނިކޮށް، ބޯޓާ ވަރަށް ކައިރިން ޑްރޯންއެއް ބޭނުންކޮށްގެން މަންޒަރުތަކެއް ނެގި މައްސަލައެއް މިިދިޔަ އޭޕްރީލްގައި ފެންމަތިވި އެވެ. ޑްރޯން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ހަދައި ދުއްވާ މީހުންނަށް ލައިސެންސެއް ދޫކުރަން ޓްރާންސްޕޯޓުން ވިސްނަން ފެށީ އެ މައްސަލައާ ގުޅިގެންނެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު ނަހުލާ ވަނީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްކާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގައި މި ދާއިރާއިން އިތުރު ހަރަކާތްތައް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން މިއަހަރު ނިމުމުގެ ކުރިން ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ އިންތިޒާމްތައް ނިންމާލެވޭނެ ކަމަށާއި، ރާއްޖޭގައި ޑްރޯން މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު ހުއްދަދޫ ކުރަން ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި އަހަރު ނިމުމުގެ ކުރިން ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ އިންތިޒާމްތައް ނިންމާލެވޭނެ. އެހެންކަމުން ދިވެހިރާއްޖޭގައި ޑްރޯން މެދުވެރިކޮށް ތަފާތު ހިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު އިރާދަކުރެއްވިއްޔާ ހުއްދަ ދޫކުރަން ފެށޭނެ،" ނަހުލާ ވިދާޅުވި އެވެ.
ރަސްފަންނު ފިޔަވައި މާލޭގެ އެހެން ހުރިހާ ސަރަހައްދެއްގައި ވެސް ޑްރޯން އެރުވެނީ އެކަމަށް ސިފައިންގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. ހުއްދަ ނުހޯދައި ޑްރޯން އެރުވުން ޖޫން 2016ގައި މަނާކުރީ މާލެ ފަދަ ތޮއްޖެހިފައިވާ ރަށްރަށާއި އެއާޕޯޓްތައް ކައިރީގައި އެފަދަ ތަކެތި އޮޕަރޭޓްކުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަށް މަގުފަހިވެދާނެތީ އެވެ.
އޭވިއޭޝަން ހަރަކާތްތައް ކުރިއަރުވައި ތަރައްގީކުރުމުގެ މަސައްކަތުގައި ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މިއަހަރަށް ކަނޑައަޅާފައިވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ލަނޑުދަނޑި މިއަހަރު ނިމުމުގެ ކުރިން ހާސިލްކުރެވޭނެކަން ފާހަގަކުރައްވާފަ އެވެ. އަދި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކޯވިޑު- 19ގެ ކުރީގެ ހާލަތު، 2019 ވަނަ އަހަރުގެ އަދަދުތަކާ އެއްހަމަ ކުރެވުންދާ ކަމަށާއި ބައިނަލްއަޤްވާމީ އުދުހުންތަކުގެ ހަރަކާތްތައް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުރީ 2019 ވަނަ އަހަރުގެ އަދަދުގެ 97 އިންސައްތައަށް ވުރެ މަތީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެތެރޭގެ އުދުހުންތަކުގެ ހަރަކާތްތައް ހުރީ 90 އިންސައްތައަށް ވުރެ މަތީގައި ކަމަށާއި، ރާއްޖޭގައި ޓްރާންސިޓްކުރާ ފަސިންޖަރުންގެ އަދަދުތައް ހުރީ 2019 ވަނަ އަހަރުގެ އަދަދުތައް ފަހަނައަޅައި 71 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.