އައްޑޫ ސިޓީ ގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ކޯހުން ވަކިކުރުމުގެ ފޮނުވި ދަރިވަރުންނަށް ފޮނުވާފައިވާ ނޯޓިސްތައް ބާތިލް ކުރަން ސަރުކާރުން އަންގައިފި އެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އޭއޭއޭ އާ ގުޅޭގޮތުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ޝަކުވާ ހުށަހެޅުމާއެކު ކަމާ ގުޅޭ އޮޑިޓްތަކާއި ތަހުގީގުތަކުގެ އަލީގައި މައްސަލަތަކަށް ހައްލު ހޯދަން ފަށާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މިއަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައި އެތަނުގެ އޮންސައިޓް އޮޑިޓެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެ އޮޑިޓުން ފާހަގަވި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު މިހާތަނަށް އޭއޭއޭ އިން ވަކިކުރަން ނޯޓިސް ފޮނުވާފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލް ކުރަން އޭއޭއޭ އަށް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ އެންގުމަށް އޭއޭއޭ އިން އަމަލު ނުކުރާނަމަ، އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ރިޕޯޓު ކުރަން އެ ދެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

އެ ދެ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ކަމަކަށްވާތީ އެކަމާ ގުޅޭ އުސޫލުތައް އިސްލާހު ކުރަންވެސް އަންގާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ނަސްލީ ތަފާތުކުރުން ގެންގުޅޭނަމަ އެކަން އެންގުމަށް ވެސް ސިވިލް އޭވިއޭޝަނުން ވަނީ ދަރިވަރުންނަށް އިލްތިމާސް ކޮށްފައެވެ.

ދަރިވަރުންގެ ތަމްރީނުތައް ތާވަލް ކުރެވެމުންދާ ގޮތާއި އަދި ތާވަލް އާންމުކުރަން ވެސް އޭއޭއޭ އަށް އަންގާފައިވެ އެވެ.

ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޕްލިމިނަރީ އެސެސްމެންޓަށް ރިއާޔަތް ކުރާއިރު، އެންމެ އިންސާފުވެރި ގޮތަކީ ކޮންމެ ދަރިވަރެއްގެ ކޭސްވެސް ވަކިވަކިން ބަލައި، ކޮންމެ ކުއްޖަކަށްވެސް ދިމާވެފައިވާ މައްސަލަތަކާއި ހާލަތުގެ ދަރަޖަ ދެނެގަނެ، އެކުއްޖާގެ ހަލަތާ ގުޅޭ ހައްލުތައް ހޯއިދެމުން ގެންދިޔުން ކަމަށް އެ ބަޔާނުގައިވެ އެވެ.

ސަރުކާރުން އެންގި ބައެއް ކަންކަން

  • ދަރިވަރުންގެ ފްލައިން އަވާސް ހަމަކުރުމަށް ބޭނުންވާ އަދަދަށް މަތިންދާބޯޓުތައް ފްލައިން ކޮންޑިޝަން އަށް ގެންދިޔުމަށް
  • މަތިންދާބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމަށް
  • އިންޖިނިއަރިން މަސައްކަތްތައް ހައްލު ކުރުމަށް މެއިންޓެނަންސް އެންޑް ކާމޯ މެނޭޖަރުގެ އެޕްރޫވަލް ވިތްޑްރޯކޮށް، އާ މެނޭޖަރެއް އައްޔަނު ކުރުމަށް
  • އޭއޭއޭގެ ކޮލެޓީ މެނޭޖަރުގެ ވަޒީފާ އަކީ ޕާޓް ޓައިމް ވަޒީފާ އަކަށް ވާތީ، ފުލްޓައިމް މެނޭޖަރަކު އައްޔަނު ކުރުމަށް
  • އޭއޭއޭގެ ކޯސްތަކަށް އިތުރު އިންސްޓްރަކްޓަރުން އައްޔަނު ކުރުމަށް
  • ސެޕްޓެމްބަރު މަހު ކުރި އޮޑިޓަށްފަހު އޭއޭއޭ އަށް އެއްވެސް ކުއްޖަކު އަލަށް އެންރޯލު ނުކުުރުމަށް
  • ސްކޫލުގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން ހިންގޭނެ އިތުރު އެއްވެސް ހަރަކާތެއް ނުހިންގުމަށް
  • ދަރިވަރުންގެ ޓްރެއިނިން އަށް އަސަރުކުރާގޮތަށް މެއިންޓެނަންސް ދާއިރާ އަށް މިހާރު ދިމާވެފައިވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އެޕްރޫވްޑް އޯގަނަައިޒޭޝަން ތަކުގެ މެނުއަލްތައް ބަދަލު ކުރުމަށް

މެއިންޓެނަންސަ ދާއިރާގެ ގަވައިދުތަކާ އޭއޭއޭ އިން ހިލާފުވެފައިވާތީ، އޮތޯރިޓީގެ އެންފޯސްމެންޓް މެނުއަލްގައިވާގޮޮތަށް، އެތަން ޖޫރިމަނާ ވަނީ ޖޫރިމަނާކޮށްފަ އެވެ،