ފަރެސް މާތޮޑާގެ ބަނދަރުން އެއާޕޯޓަށް ދަތުރުކުރަން އޮންނަ މަގުހެދުމާއި، ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދެފި އެވެ.

ފަރެސް މާތޮޑާ ކައުންސިލުން މިގޮތަށް އެދިފައި ވަނީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލު ކުރެއްވުމުގައި، ފަރެސްމާތޮޑާ ކައުންސިލުން ވަނީ މިސަރުކާރުން ފަރެސްމާތޮޑާގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވާފަ އެވެ. މިބައްދަލުވުމުގައި ކައުންސިލުން ވިދާޅުވީ، އެކައުންސިލުން އެންމެ އިސްކަންދޭ ހަތް ކަމެއް ރައީސް އޮފީހަށް ހުށައަޅުއްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކައުންސިލް އިދާރައިގެ ޖާގައިގެ ދަތިކަމާއި، ކޮންފަރެންސް ހޯލެއް ނެތުމުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައިވެ އެވެ. އަދި ކައުންސިލުން ވަނީ، ފަރެސްމާތޮޑާގެ ބަނދަރުން އެއާޕޯޓަށް ދަތުރުކުރަން އޮންނަ މަގުހެދުމާއި، ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި، ރަށުގައި ބޭންކިންގެ ހިދުމަތް ގާއިމުކުރަން ބޭނުންވާ ކަމަށް ވެސް ދަންނަވާފަ އެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކާއި އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން އެކައުންސިލަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ފާހަގަކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ ހިމެނޭ މިސަރަހައްދަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރެވޭ ސަރަހައްދުކަން ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން މަސައްކަތްކުރައްވަމުން ދަނީ، ރަށްރަށުގެ ތަރައްގީއަށް ހިންގޭ މަސައްކަތްތަކުގައި ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއިއެކު ކުރިޔަށް ދިޔުމަށްކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލުންނާއި، އތމ ކޮމިޓީން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން، ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާގުޅިގެން މަޝްވަރާކުރައްވައި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.