ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރާ ހުރިހާ އެއްގަމު އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރުތައް އާންމުކުރަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރަޖިސްޓްރީ ކުރާ ހުރިހާ އެއްގަމު އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރުތައް އާންމުކުރުމަށް ނިންމީ ހުރިހާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހި ނުވާނެހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަށާއި، އެއްވެސް ފަރާތަކަށް ގަވާއިދާ ހިލާފު އަމަލުތައް ހިންގުނަ ނުދިނުމުގެ ގޮތުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިއަދުން ފެށިގެން ރަޖިސްޓްރީ ކުރާ އެންމެހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީކުރާ ހުރިހާ އުޅަނދުތަކެއްގެ ރަޖިސްޓްރީ ނަންބަރު އާންމުކުރަން ނިންމާފައި މިވަނީ، އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާތީ އެވެ. އެފަދަ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށައަޅާފަ އެވެ.

ހުރިހާ އެއްގަމު އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރުތައް އާންމުކުރަން ނިންމާފައި މިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ގާނޫނާއި ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްދީފައިވާ އެތައް އެއްގަމު އުޅަނދެއްގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެފަދަ 100 އަށް ވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ވެސް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ.

ގާނޫނާއި ގަވައިދާ ޚިލާފަށް ކުރިއަށް އޮތް ދުވަސްތަކުގައި އެއްގަމު އުޅަނދުތައް ރަޖިސްޓްރީ ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވަނީ ވިދާޅުވެފަ އެވެ. އަދި ގާނޫނާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.