ހދ. ނޮޅިވަރަމްގައި މަރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑަށް އިތުރު އަނިޔާ ނުދީ ޖަނާޒާގެ ކަންތައް ނިންމައިދިނުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އެދިވަޑައިގެންފި އެވެ.

ޑރ. އިޔާޒް މިފަދައިން ވިދާޅުވީ، ނިޝާނާގެ ހަށިގަނޑު ޕޯސްމޯޓަމް ހަދަން އަދިވެސް ނުފޮނުވޭ ކަމަށް ބުނެ ލިޔެފައިވާ ހަބަރެއް ރީޓްވީޓް ކުރައްވަމުންނެވެ.

އެ ޓްވީޓްގައި ނިޝާމާގެ ހަށިގަނޑަށް އިތުރަށް އަނިޔާނުކޮށް، ޖަނާޒާގެ ކަންތައް ނިންމާލަ ދިނުމަށް ޑރ. އިޔާޒް ވަނީ އެދިފަ އެވެ. ނިޝާނާގެ ގާތިލު ކަމަށް ޝައްކުވާ މީހާ ވެސް ވަނީ މަރުވެފައިކަން ފާހަގަކުރައްވައި ޑރ. އިޔާޒް ވިދާޅުވީ ގާތިލަކީ ކާކުކަން ހޯދުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވިއިރު ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާ ފައިސަލް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހު އެވެ. ފައިސަލް ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީގައި ހުއްޓަ އެވެ.

އެއަށްފަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅީގެ ތެރޭގައި ފައިސަލް ދަންޖެހިފައި ހުއްޓައި ފެނިގެން އޭނާ ވަނީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އޭނާއަށް ދަނީ އައިސީޔޫގައި ފަރުވާދެމުން ކަމުގައި އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އުމުރުން 28 އަހަރުގެ ނިޝާމާ މަރާލާފައި އޮއްވާ ފެނުނު އިރު ހަށިގަނޑުގެ ބޭރު ފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް އެރަށުން އަވަސް އަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ. ނަމަވެސް ނިޝާމާގެ ކަރުގައި އަނިޔާގެ ކޮންމެވެސް ނިޝާނެއް ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.